"ކޮބާ ހުމޭގެ ހަދިޔާ....." ނާޝިދުގެ މޫނުގައި އަތްޖައްސާލަމުން ހުމޭދާ ބުނެލިއެވެ.
"ބޭނުން އެއްޗެއްބުނޭ..... ވަރިހަމަ ކޮންމެ އެއްޗެއް ބުންޏަސް.... ހޯދައިދޭނަން....." ހުމޭދާގެ ކޮލުގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.
"މިހާރަކު ނޫން، ފަހުން ބުނާނަން...... މަސައްކަތް ނިމުނީތަ.....؟ ފެންވަރަން ދާންވީނު...." ހުމޭދާވެސް ނާޝިދު ކޮލުގައި ހިފާލަމުން ބުނެލިއެވެ.
"އުހޫނ.....ހުމޭ ތެދުވާނެ ކަމެއްނެތް...." ހުމޭދާގެ ދެކޮޑުގައި ހިފާލުމަށްފަހު އެދުގައި ބާއްވަމުން ނާޝިދު ބުނެލިއެވެ.
"ހުމޭ ބައްޔެއްނޫނޭ.... ހުމޭއަށް ހަމަ ކޮންމެ ކަމެއްވެސް ވާނެޔޭ....." ނާޝިދުއާއި ދިމާއަށް ބަލަންއޮވެ ހުމޭދާ ބުނެލިއެވެ.
"ހެޔޮ..... މީގެ ފަހުން ހުމޭ ކުރަމުންދިޔަ ހުރިހާ ކަމެއް ކުރާނީ ނާޝިދު އަމިއްލައަށް.... ނުވަމަސްވަންދެން އަރާމުކުރުމަށް ހުމޭއަށް ޗުއްޓީ...." އަނެއްކާވެސް ހުމޭދާގެ ކޮލުގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.
"މިއަންނަނީ ފެންވަރައިގެން، ޖޫސްތައްޓެއް ހަދައިގެން..... ނުތެދުވެ އޮންނާތި....." އެނދުން ތެދުވެ ހިނގައިގަންނަމުން ނާޝިދު ބުނެލިއެވެ.
ނާޝިދު ތެދުވެގެން ދިޔުމުން ނާޝިދުގެ ހިތްހެޔޮކަމާއި އިޚްލާޞްތެރިކަން ފެނިފައި ހުމޭދާ ވަރަށް އުފާވިއެވެ.
ރޭގަނޑުގެ ވަގުތެވެ. ރޭގަނޑުގެ ކެޔުމަށްފަހު ނާޝިދު ނިކުތީ ހުމޭދާ ގޮވައިގެން ސައިކަލު ދުއްވާލުމަށެވެ. ސައިކަލް ދުއްވަމުން ގޮސް ފުވައްމުލަކުގެ ބީޗު ކައިރިއަށް ސައިކަލް ހުއްޓާލުމަށްފަހު ހުމޭދާގެ އަތުގައި ހިފައިގެން ހިގަންފެށިއެވެ. ގޮނޑުދޮށަށް ފައިބައިގެން ރާޅުޖަހާ ފަށުގައި ދެމީހުން މަޑުމަޑުން ހިނގަމުންދިޔައެވެ. ދޮންވެލިގަނޑުމަތީގައި ރާޅުޖަހާ ފަށުގައި ހިނގަމުންދިޔައިރު ބުނަން ނޭނގޭ ފަދަ އަރާމެއް ފައިގެ ދަށްފުށަށް އިޙްސާސްވަމުން ދިޔައެވެ.
"ހިނގާ ދެން ގެއަށް ދަމާ..... މިރޭ އެބަޖެހޭ މީހަކާ ބައްދަލުކޮށްލަން ދާންވެސް...." ހިނގަމުން ހިނގަމުން ނާޝިދު ބުނެލިއެވެ.
ގެއަށް ދިޔުމަށްޓަކައި ނާޝިދުއާއި ހުމޭދާ އައިކޮޅަށް އަނެއްކާ ހިނގުން ބަދަލުކޮށްލިއެވެ. އަދި ގޮސް ސައިކަލަށް އަރާއިގެން ދިޔައީ ގެއަށެވެ.
"ހުމޭ ނިދާލާއިނގޭ..... ނާޝިދު ބޭރަށްގޮސްލާފައި އަންނާނަން....." ހުމޭދާގެ ދަތްދޮޅީގައި ހިފާލުމަށްފަހު ނާޝިދު ބުނެލިއެވެ.
ހުމޭދާ ފާހާނާއަށް ވަދެ ގައިދޮވެލައިގެން އައިސް އެއްޗިހި ބަދަލުކޮށްލައިގެން އޮށޯވެ ލޯމަރާލިއެވެ. ހުމޭދާ ލޯމަރާލުމާއެކު ކޮޓަރިތެރޭގައި މީހަކު އުޅޭހެން ހީވެގެން ދެލޯ ހުޅުވާލިއެވެ. ގަޔަށް ވައި އެޅުނުހެންވެސް ހީވިއެވެ. އެކަމަކު އޭސީވެސް ފަންކާވެސް ހުރީ ނިވާލާފައެވެ. ކުއްލިއަކަށް ކުޑަދޮރުގެ ދޮރުފޮތިގަނޑުގައި މީހަކު ހޭކެމުންދާހެންވެސް ހީވިއެވެ. އިރުއިރުކޮޅާ ދޮރުފޮތިގަނޑު ހެލިލައެވެ. ހުމޭދާގެ ބޮލުގައި މީހަކު އަތްޖައްސާލިހެންވެސް ހީވިއެވެ. ކުއްލިއަކަށް ބޮލުގައި ރިއްސަން ފެށިއެވެ. ކޮޓަރީގެ ބޮލި އަލިގަދަކޮށްފައިވާތީ، ކޮޓަރީގެ އެކި ދިމަދިމާގައި ހިޔަންޏެއް އުޅޭހެންވެސް ހުމޭދާއަށް ހީވިއެވެ. ބޮލުގައި އަތް އަޅައިގެން ހުމޭދާ އެނދުން ތެދުވެވޭތޯ މަސައްކަތް ކުރިއެވެ.
"ނާޝިދޫ..... ނާޝިދޫ...." ކޮޓަރިތެރޭގައި ހިޔަންޏެއް އުޅޭހެން ހީވާތީ އެއީ ނާޝިދު ކަމަށް ހީކޮށް ހުމޭދާ ދެފަހަރަކު ނޭޝިދުއަށް ގޮވާލިއެވެ.
އެހެން ނަމަވެސް ކޮޓަރިން އަޑެއްބަޑެއް ނީވުނެވެ. ހުމޭދާ ތެދުވެ އެނދުގައި އިށީނދެލުމަށްފަހު ކޮޓަރިތެރެއަށް ރަނގަޅަށް ބަލާލިއެވެ. ކޮޓަރި ތެރެއަކު ނާޝިދުއެއް ނެތެވެ. ހުމޭދާ މަޑުމަޑުން ތެދުވީ ފެންފޮދެއް ބޯލުމަށްދާށެވެ. އެނދުން ތެދުވި ވަގުތު ކޮޓަރިން ކަރަންޓް ގޮއްސިއެވެ. ހުމޭދާ މަޑުމަޑުން އެކިތަންތާނގައި އަތްޖައްސަމުން ކޮޓަރީ ދޮރާހަމައަށް ދިޔަވަގުތު ކޮޓަރީގެ ބޭރުން މީހަކު ދޮރުހުޅުވާލިއެވެ. ހުމޭދާ ދިޔައީ ސިއްސައިގެންނެވެ.
"ސިއްސައިގެން ދިޔައީ....." ދޮރުކުރިމަތީގަހުރި ނާޝިދު ފެނުމާއެކު ހުމޭދާ ބުނެލިއެވެ.
"ކަރަންޓް ދިޔައީދޯ.... ކޮންތާކަށްދާން ތި ނުކުންނަނީ..... އެހާވަރަށް ނުހިނގަބަލަ މިހާރުދެން....." ނާޝިދު، ހުމޭދާގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
"ކޮޓަރިތެރޭގައި މީހަކު އުޅޭހެން ހީވެގެން ހޭލެވުނީ.... ހޭލެވުންއިރު ބޮލުގައިވެސް ރިއްސާ.... ފާޑެއްގެ ހިޔަންޏެއް ފެނުނުހެންވެސްހީވީ.... އެގަޑީގައި ކަރަންޓްވެސް ގޮއްސި.... ބޭރުގައި ހާދަލަސްވީ....." ނާޝިދުގެ އަތުގައި ހިފައިގެން ބޭރަށް ނިކުންނަމުން ޝަކުވާގެ ރާގެއްގައި ހުމޭދާ ބުނެލިއެވެ.
"ބުނީމެއްނު މީހަކާ މީޓްކޮށްލާށޭ މިދަނީ.... އޭނަގެ ވާހަކައިގައި ތަންކޮޅެއް ލަސްވީ....." ހުމޭދާ ގޮވައިގެން ބޭރަށް ނިކުމެ ހިނގައިގަންނަމުން ނާޝިދު ބުނެލިއެވެ.
"ދާހިއްލާ ފޯވެއްޖެ...." ސިޓިން ރޫމަށް އައިސް އިށީންނަމުން ހުމޭދާ ބުނެލިއެވެ.
"އަދިވެސް ބޮލުގައި ރިއްސާތަ....؟" ހުމޭދާއާއި ދިމާއަށް ފެންތަށި ދިއްކޮލަމުން ނާޝިދު ބުނެލިއެވެ.
އެވަގުތު ކަރަންޓް ލިބި ހުރިހާ ބޮކިތައް ދިއްލިއްޖެއެވެ.
"ފިނިކޮށްލައިގެންދޯ ކޮޓަރިއަށް ދާނީ....." ފެންތަށި ބޯލުމަށްފަހު ނާޝިދުއަށް ހުސްތަށި ދިއްކޮށްލަމުން ހުމޭދާ ބުނެލިއެވެ.
ނާޝިދު ތަށި ބެހެއްޓުމަށްފަހު އައިސް ހުމޭދާގެ ބޮލުގައި ފިރުމާލަމުން ކައިރީގައި އިށީނެވެ.
"ޢާއިޝާއާއި ލާމިހް ކޮންއިރަކުން މެރީ ކުރަނީ...." ހުމޭދާގެ ބަނޑުގައި ފިރުމާލަމުން ނާޝިދު ވާހަކަ ދެއްކިއެވެ.
"އެމީހުން ތިކަމާ އެބައުޅޭ..... ވަރަށް އަވަހަށް މެރީކުރާ ވާހަކަބުނި....." ގޮނޑީގައި ހަމަޖެހިލަމުން ހުމޭދާ ބުނެލިއެވެ.
"ދެންބުނެބަލަ ކޮންތާކުންތަ ތިއައީ.....؟" ހުމޭދާގެ ނާޝިދުގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
"ބުނީމެއްނު.... މީހަކާ ދިމާވެލަން ވެގެން...." ހުމޭދާއަށް ބަލަން އިނދެ ނާޝިދު ވާހަކަދެއްކިއެވެ.
"ހިނގާ ކޮޓަރިއަށްދާން ދެން...." ހުމޭދާ އެއްއަތުން ބޮލުގައި އަތްޖައްސާލުމަށްފަހު ތެދުވަން މަސައްކަތް ކުރަމުން ބުނެލިއެވެ.
"އަދިވެސް ވަރަށްބޮޑަށް ތަދުވޭތަ...." ހުމޭދާގެ އުނގަނޑުގައި ހިފަހައްޓާލައިގެން ހިނގައިގަންނަމުން ނާޝިދު ބުނެލިއެވެ.
"ކުޑަކޮށް އަދިވެސް ތަދުވޭ.... ނިދާލީމަ އޯކޭ ވާނެކަންނޭގެ...." ކޮޓަރިއަށް ވަންނަމުން ހުމޭދާ ބުނެލިއެވެ.
"ޔޭސް.... މާބޮޑަށް ތަދުވަންޏާ މާދަންރޭ ބޭހެއް ގެނެސްދޭނަން.... މިރޭ ހިނގާ ދެން ނިދޭތޯ އުޅެން....." އެނދުގައި ހުމޭދާ ބައިންދަމުން ނާޝިދު ބުނެލިއެވެ.
ހުމޭދާ މަޑުމަޑުން އެނދުގައި އޮށޯތެވެ. ނާޝިދުވެސް ފާހާނާއަށްވަދެ އެއްޗިހި ބަދަލުކޮށްލައިގެން އައިސް ހުމޭދާ ގާތުގައި އޮށޯތެވެ.
"އަހަރުމެންނަށް ކުއްޖެއް ލިބުނީމަ މިހާރަށްވުރެ އިތުރަށް ޚަރަދު ކުރަންޖެހޭނެ.... ނާޝިދުގެ ނޯޕޭލީވް ހަމަވީމަ ކިހިނެތް ދެން ހަނދަނީ.....؟" ހުމޭދާ އެއްފަރާތަށް އެނބުރިލާފައި ނާޝިދު ގާތުގައި އަހާލިއެވެ.
"އެކޮޅުން ޖޮބުން ކެނޑިފައި މިކޮޅުން ޖޮބެއް ހޯދަން މި ވިސްނަނީ.... މަންމަވެސް ބޭނުމެއްނުވޭ ނާޝިދު މާލެދާކަށް.... ޖޮބަކަށްދާކަށްވެސް މަންމަ ބޭނުމެއްނުވޭ.... ހުމޭ ޕްރެގްވި ވާހަކަ ބުނީމަ ބުނީ ހުމޭ ރަނގަޅަށް ބަލަން އަބަދުވެސް ހުމޭކައިރީގައި ނާޝިދު ހުންނާށޯ.... އެއްވެސް ކަމަކަށް ދަތިވިޔަކަ ނުދޭނަމޯ.... މަންމަ ހުމޭ ދެކެ ވަރަށް ލޯބިވޭ...." ހުމޭދާގެ ކޮލުގައި ހިފާލުމަށްފަހު ނާޝިދު ބުނެލިއެވެ.
"ކީއްވެ މަންމަ މިކޮޅަށް ނާންނަނީ.... މާދަން ހިނގާބަލަ މަންމައާއި ފޯނުން ވާހަކަ ދައްކާލަން....." ނާޝިދުގެ މަންމަ ވަރަށް ދެކިލާހިތްވޭ.... " ނާޝިދުގެ އަތުގައި ހިފަހައްޓާލަމުން ހުމޭދާ ބުނެލިއެވެ.
"މަންމަގެ ކޮއްކޮ ބަލިވެގެން އޭނަގޮވައިގެން ރާއްޖެއިން ބޭރަށް ދާނެ މީހަކު ނެތިގެން މަންމަ އެއުޅެނީ ފުރަން.... މަންމަ މާލެއައިމަ މީޓްކޮށްލަން ދާނީ...." ނާޝިދު އެދުން ތެދުވަމުން ބުނެލިއެވެ.
"ކޮންތާކަށް ތިދަނީ....." ނާޝިދުއާއި ދިމާއަށް ބަލަންއޮވެ ހުމޭދާ ބުނެލިއެވެ.
"މިއަންނަނީ....." ކޮޓަރިން ބޭރަށް ނުކުންނަމުން ނާޝިދު ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 30 ޖެނުއަރީ، 2024، ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް