ޗައިނާއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވުން ލަސް

ބޭރުގެ ވިޔަފާރިއާއި ޓޫރިޒަމަށް މަރުހަބާ ކިޔަމުން އަންނަ ގައުމެއްގެ ގޮތުގައި ދެއްކުމަށް ޗައިނާ އިން މަސައްކަތް ކުރަމުންދާއިރު، އެ ގައުމުގެ ބޯޑަރު އޮތޯރިޓީން މިދިޔަ ހަފުތާގައި ވަނީ 2023 ވަނަ އަހަރު އެ ގ...

27 Jan 2024 | 22:21

ބޭރުގެ ވިޔަފާރިއާއި ޓޫރިޒަމަށް މަރުހަބާ ކިޔަމުން އަންނަ ގައުމެއްގެ ގޮތުގައި ދެއްކުމަށް ޗައިނާ އިން މަސައްކަތް ކުރަމުންދާއިރު، އެ ގައުމުގެ ބޯޑަރު އޮތޯރިޓީން މިދިޔަ ހަފުތާގައި ވަނީ 2023 ވަނަ އަހަރު އެ ގައުމަށް 35 މިލިއަނަށް ވުރެ ގިނަ ބިދޭސީން ވަދެ ނިކުމެފައިވާ ކަމަށް ބުނެފަ އެވެ.

އެއީ 2022 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް ހަތް ގުނަ އިތުރު އަދަދެކެވެ. ބެއިޖިންގެ ހަރުކަށި ޒީރޯ-ކޮވިޑް ސިޔާސަތު އަދިވެސް ތަންފީޒު ކުރަމުން ދާއިރު، މިކަމުގެ ސަބަބުން މީހުން ޒިޔާރަތް ކުރުމަށް ފަސްޖެހެއެވެ.

2023 ވަނަ އަހަރުގެ މި އަދަދަކީ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރެކޯޑްކުރެވިފައިވާ 97 މިލިއަން ބިދޭސީންގެ ބޯޑަރު ކްރޮސިންގެ ތިންބައިކުޅަ އެއްބައެވެ.

ތަޖުރިބާކާރުންނާއި ވިސާއަށް އެދޭ ފަރާތްތަކުން ބުނަނީ ބެއިޖިންއިން ވިސާގެ ޝަރުތުތައް ލުއިކުރި ނަމަވެސް ފަރުދީ މިނިވަންކަމާ މެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުން ޒިޔާރަތްކުރާ މީހުން ހިތްހަމަނުޖެހޭ ކަމަށެވެ.

އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީން ޑިސެމްބަރު މަހުގެ ފަހުކޮޅު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޖެނުއަރީ މަހުން ފެށިގެން އެމެރިކާގެ ރައްޔިތުންނަށް ވިސާ އެޕްލިކޭޝަންތަކަށް ލުޔެއް ދޭނެ ކަމަށާއި، ރައުންޑް ޓްރިޕް ފްލައިޓް ޓިކެޓާއި ހޮޓެލް ރިޒަވޭޝަން، ދަތުރުގެ ތާރީހު ފަދަ ތަފްސީލީ ތަކެތި ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ޗައިނާއަށް ލެވެލް ތިނެއްގެ ޓްރެވަލް އެލާޓް އަލުން ނެރެ، "ގޯސްކޮށް ބަންދުކުރުމުގެ ނުރައްކާ" އޮތުމުން އެގައުމަށް ކުރާ ދަތުރުތައް އަލުން މުރާޖައާ ކުރުމަށް އަޕްޑޭޓެއް ނެރެފަ އެވެ. މީގެ އިތުރުން މީގެ ކުރިން ނެރުނު އެލާޓްތަކުގައި ވެސް "ބޭރަށް ނުކުތުން މަނާކުރުމާ ގުޅޭ ގޮތުން ވެސް ލޯކަލް ގާނޫނުތައް އާބިޓްރަރީކޮށް ތަންފީޒު ކުރުމުގެ ނުރައްކަލަށް ރިއާޔަތްކޮށް" ދަތުރުފަތުރުކުރުމާ މެދު އަލުން ވިސްނުމަށް ވަނީ ހިމަނާފައެވެ.

މިފަދަ ކަންބޮޑުވުމަކީ ވިޔަފާރިވެރިންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ބެއިޖިންއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެމެރިކާ މީހުންނަށް ލުއިދިން އުސޫލު އާއްމު ކޮށްފައިވަނީ ޑިސެމްބަރު މަހުން ފެށިގެން ޗައިނާއިން ހަ ގައުމެއް ކަމަށްވާ ފްރާންސް، ޖަރުމަނު، ހޮލެންޑް، އިޓަލީ، މެލޭޝިއާ އަދި ސްޕެއިންގެ އާދައިގެ ޕާސްޕޯޓް ހޯލްޑަރުންނަށް ވިސާ އާ ނުލައި ޒިޔާރަތްކުރެވޭނެ ޕޮލިސީއެއް އިއުލާނު ކުރިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ޗައިނާގެ ނޭޝަނަލް އިމިގްރޭޝަން އެޑްމިނިސްޓްރޭޝަނުން ބުނީ ޑިސެމްބަރު މަހު އެ ގައުމުތަކުން ޒިޔާރަތްކުރި މީހުންގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު 28.5 ޕަސެންޓް އިތުރު ކަމަށެވެ. ބެއިޖިންއިން މިދިޔަ ހަފުތާގައި ވަނީ ވިސާ ފްރީ ޕޮލިސީގެ ތެރެއަށް ސްވިޒަލޭންޑާއި އަޔަލެންޑް ހިމަނައިފަ އެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން މި މަހު ބުނެފައި ވަނީ ޗައިނާ އާއި އެމެރިކާއާ ދެމެދު މިހާރު ހަފުތާއަކު ކުރާ 63 ފްލައިޓުން ސީދާ ދަތުރުތައް އިތުރުކުރުމަކީ އަމާޒެއް ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހު އެ ކުންފުނިން ވަނީ ފަތުރުވެރިކަމާއި ވިޔަފާރީގެ ކުރިއެރުމަށް ހަފްތާއަކު 70 ފްލައިޓަށް ވާސިލުވުމަށް އަމާޒު ހިފާފައެވެ.

ފްލައިޓްތައް އިތުރުކޮށް، ވިސާގެ ފިޔަވަޅުތަކަށް ލުއި ދިނުމުން ޗައިނާއަށް ޒިޔާރަތްކުރާ އެމެރިކާގެ މީހުންގެ އަދަދު އިތުރުވިކަމެއް އަދި ނޭނގުނު ނަމަވެސް، ޗައިނާއަށް ދިޔުމަށް ޕްލޭން ކުރާ ނުވަތަ ގަވާއިދުން ޒިޔާރަތްކުރާ ބައެއް މީހުން ދަނީ ނުރައްކާ އިތުރަށް ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބައިނަލްއަގުވާމީ ވިޔަފާރީގައި މަސައްކަތްކުރާ އަދި އަހަރަކު ފަސް-ހަ ފަހަރު ޗައިނާއަށް ދަތުރުކުރާ ޓެކްސަސްގެ ހިއުސްޓަންއަށް ނިސްބަތްވާ ޗައިނާ ދަރިކޮޅުގެ އެމެރިކާ މީހަކު ވީއޯއޭ ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޓޫރިސްޓް ވިސާ އެޕްލިކޭޝަން ހުށަހަޅަން ޖެހޭ ޝަރުތުތަކަށް ލުއިދީފައިވީ ނަމަވެސް މިދިޔަ އަހަރުން ފެށިގެން ޗައިނާގެ ކަސްޓަމްސް އޮފިސަރުން އަންނަ ޓޫރިސްޓުންނާއި ކުރިއަށްވުރެ ގިނައިން ސުވާލު ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ޗައިނާގެ ކައުންޓާ ޖާސޫސީ ގާނޫނުގެ ރިވައިޒްޑް ވާޝަނަކަށް އަމަލުކުރަން ފެށުމުން، އިތުރު އާބިޓްރަރީ މީހުން ހައްޔަރުކުރުމުގެ ބިރު ވަނީ އުފެދިފަ އެވެ. އެކަމުގެ ސަބަބުން ޗައިނާއަށް ދަތުރުކުރުމާމެދު އެމެރިކާ މީހުން ކަންބޮޑުވެ، ޗައިނާގެ ރައްޔިތުން ބޭރުމީހުންނާމެދު އިތުރަށް ސަމާލުވަމުންދެއެވެ

މަލްޓިނޭޝަނަލް ކުންފުނިތަކާ އެކު މަސައްކަތް ކުރާ ރިސްކް އެސެސްމަންޓް ފާމެއް ކަމަށްވާ ގްލޯބަލް ގާޑިއަންގެ ސީނިއާ އިންޓެލިޖެންސް އެނަލިސްޓެއް ކަމަށްވާ ޒެވް ފެއިންޓުޗް ވިދާޅުވި ގޮތުގައި ޗައިނާއަށް ދިއުމުގެ ޝައުގުވެރިކަން ހުންނަ މީހުން އަދިވެސް ވަރަށް ގިނަކަމަށެވެ. ނަމަވެސް އެ ގާނޫނުނަކީ އޭގެ ސަބަބުން ގާނޫނީ ގޮތުން ބިދޭސީން ހައްޔަރުކުރުމަށް ލިބޭ ވަރަށް ބޮޑު ފަސޭހަކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ މުޅި ހާލަތު ދެނެގަންނަން ބޭނުންވާ ވިޔަފާރިތައް އިތުރުވެފައިވާތަން ފެނިފައިވާ ކަމަށާއި ނަމަވެސް ހާލަތު ރަނގަޅުވާތަން ނުފެންނަ ކަމަށް ފެއިންޓުޗް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް