ކުރިޔަށް އޮތް ރިޔާސީ އިންތިހާބު މާ ފަސޭހައިން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ކާމިޔާބު ކުރެއްވުމަށް ފަހު މިރޭ އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެވެ. އެމަނިކުފާނު ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލި ކުރައްވައިގެންނެވެ.
ރައީސް ވިދާޅުވީ އެތެރޭގައި މި ހިނގީ ވާދަވެރި މަސައްކަތްތަކަށް ވާތީ ބައެއް ފަހަރު މަޑުޖައްސާލަން ޖެހުނު ކަމަށެވެ. އެއީ އެކީގައި އުޅެފައި ތިބި ބަޔަކަށް ވާތީ އުފެދޭ ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށާއި ނަމަވެސް ދެން އޮތް މަރުހަލާ ކަމަށްވާ ރިޔާސީ އިންތިހާބުގައި އެކަން ނޯންނާނެތީ މާ ފަސޭހަވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އެއް މަގްސަދެއްގައި ކުރިއަށްދާ ޕާޓީއެއް ކަމަށެވެ. ޕްރައިމަރީގައި ޕާޓީގެ މެމްބަރުން ދެ ފަރާތެއްގައި ތިބި ނަމަވެސް އޮންނާނީ އެއް މަގްސަދެއް ކަމަށެވެ.
އެއީ ރާއްޖެ އަށް ސުލްހަ އާއި ހަމަޖެހުން ހޯދައި ދިނުމާޢި ރައްޔިތުންނަށް ތަރައްގީ ގެނެސް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމާއި އަސާސީ ހައްގުތައް ހުރިހާ ފަރުދުންނަށް ހޯދައި ދިނުމަކީ ދެ ބައި މީހުންގެވެސް މަގުސަދު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕްރައިމަރީގައި ދެ ބައެއްގެ ގޮތުގައި ތިބި ނަމަވެސް އެއީ އެއް ނުކުރެވޭނެ ބައެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ވަރަށް ސާފު ނަތީޖާއެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން މާލެ އާއި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ ނަތީޖާ ދައްކާ ގޮތުން އެ ސިޓީ ރައްޔިތުން ނިންމާފައިވަނީ އެމްޑީޕީއާ އެކު ކުރިއަށްދާން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ62 ޕަސެންޓު ވޯޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް