ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަށް މަސް ދުވަސް ފާއިތުވެ، ބޫސްޓާ ޑޯޒު ނުޖަހާ ފަރާތްތަކަށް ހައްޖާއި އުމުރާ އަށް ނުދެވޭ ގޮތަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފިއެވެ.
ސައުދީ ގެޒެޓްގައި ބުނެފައިވަނީ، ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ޤައުމުގައި ކޮވިޑް ވެކްސިން ފުރިހަމަވެފައި ކަމުގައި ކަނޑައަޅާ މިންގަނޑު ބަދަލުވާނެކަމުގައެވެ.
އެގޮތުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އުމުރުން 18 އަހަރާއި އެއަށްވުރެ ދޮށީ މީހުންގެ ވެކްސިން ފުރިހަމަކަމަށް ދައްކާނީ ވެކްސިންގެ ދެވަނަ ޑޯޒު ޖެހިތާ 8 މަސް ނުވާ ނަމައެވެ. އަދި އެ މުއްދަތު ފަހަނަ އަޅާ ގޮސްފައި ވާނަމަ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތައް ކަމުގައެވެ.
ސައުދީ އިން ވަނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށް އެ ޤައުމުގައި ބާއްވާ އިޖުތިމާއީ، އިގްތިޞާދީ، ވިޔަފާރި، ސަގާފީ، ސައިންޓިފިކް، މުނިފޫހިފިލުވުމުގެ ނުވަތަ ކުޅިވަރުގެ އެއްވެސް ހަރަކާތަކަށް ދާން ބޭނުންވާ ކޮންމެ މީހަކަށް ވެސް ވެކްސިން ފުރިހަމަކޮށްފައި ކަމުގައި ބަލާ މިންގަނޑު ލާޒިމް ކޮށްފައެވެ.
މީގެ އިތުރުން އެ ޤައުމުގެ ހައްޖާއި އުމުރާ އާއި ބެހޭ މިނިސްޓްރީން ބުނީ މައްކާގެ ހަރަމްފުޅުގައި ނަމާދު ކުރުމުގެ ފުރުސަތު ދޭނީ އެއް ޑޯޒުޖެހުމަށްފަހު 14 ދުވަސްވެފައިވާ ފަރާތްތަކާއި، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވާ ފަރާތްތަކާއި އަދި ކޮވިޑް ޖެހި ރަނގަޅުވެފައިވާ ފަރާތްތަކަށެވެ.
ސައުދީ ދާޚިލީ ވުޒާރާއިން މީގެ ކުރިން ބުނެފައިވަނީ، ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް، ސައުދީގެ ހުރިހާ ރައްޔިތުންނާއި، އެޤައުމުގެ ރައްޔިތުން ނަގަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ބައެއް ސިއްހީ ހާލަތްތަކުގެ ސަބަބުން ވެކްސިން ޖެހުމުން މަހުރޫމްވެފައިވާ މީހުން މި ނިންމުމުން އެކަހެރި ކުރެވޭނެ ކަން އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް