ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު ހަ ދިވެހިން ހުޅުމާލެ ފޭސް ދޭކުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕޮލިހުން މިއަދު ހެނދުނު ހުޅުމާލެ ފޭސް ދޭއް ޕެޓްރޯލް ކުރަމުންދިޔައިރު ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައިކަމަށެވެ.
ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުންވަނީ ފިލަން މަސައްކަތްކޮށްފައި ކަމަށާއި އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ތިޖޫރީއާއި އެ ދެ މީހުން ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވާކަމަށް ފުލުހުން ބުނެއެވެ.
އެހެންނަމަވެސް އެ މީހުންނާ ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު މީހަކު ހިޔާ ދޭއްގެ އެޕާޓްމަންޓަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެގޮތުން، ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރި ތަކެތި ކަމަށް ބެލެވޭ 18 މޯބައިލް ފޯނާއި، 28 ޗާޖަރާއި، 28 ހެޑް ސެޓާއި، 10 މެމޮރީ ކާޑާއި، 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި އެޕާޓްމަންޓުން ފެނިފައިވާކަމަށް ފުލުހުން އިތިރަށް ބުނެއެވެ.
ފުލުހުން ބުނީ މައްސަލައާ ގުޅިގެން 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހަކާ އަދި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް