އެމެރިކާ އިން ރާއްޖެއަށް އަނެއްކާވެސް ފައިޒާ ވެކްސިން ހަދިޔާކޮށްފި - މިފަހަރު 210،600 ޑޯޒް ވަނީ ހަދިޔާކޮށްފަ

އެމެރިކާ އިން ރާއްޖެއަށް އަނެއްކާވެސް ފައިޒާ ވެކްސިން ހަދިޔާކޮށްފިއެވެ. އެގައުމުން ރާއްޖެއަށް މިއަދު ހަދިޔާކޮށްފައިވަނީ 210،600 ޑޯޒް ފައިޒާ ވެކްސިނެވެ. މިއީ ކޮވިޑުގެ ހާލަތު އަރައިގަތުމަށް އެމެރިކާއިން...

28 Jan 2022 | 12:10

އެމެރިކާ އިން ރާއްޖެއަށް އަނެއްކާވެސް ފައިޒާ ވެކްސިން ހަދިޔާކޮށްފިއެވެ.

އެގައުމުން ރާއްޖެއަށް މިއަދު ހަދިޔާކޮށްފައިވަނީ 210،600 ޑޯޒް ފައިޒާ ވެކްސިނެވެ. މިއީ ކޮވިޑުގެ ހާލަތު އަރައިގަތުމަށް އެމެރިކާއިން ރާއްޖެއަށް ދޭ އެހީތެރިކަމުގެ ދަށުން ހަދިޔާކުރި ވެކްސިނެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ މިޝަންއިން ނެރުނު ބަޔާނެއްގައި ބުނީ އޮމިކުރޯންގެ ނުރައްކާ ރާއްޖެ ހިމެނޭ ގޮތުން އޭޝިޔާގެ ސަރަހައްދުގައި ވެސް ބޮޑުވެފައިވާ މިދަނޑިވަޅުގައި ވެކްސިން ހަދިޔާކުރަން ނިންމީ ބަލިމަޑުކަމުގެ ގެއްލުން ކުޑަކުރުމާއި އެކު ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ބަލިމަޑުކަމުން އަރައިގަންނަން ކުރާ މަސައްކަތުގައި ރާއްޖެއާ އެކު އެމެރިކާއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެމެރިކާ އިން ވަނީ މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ވެކްސިން ދިނުމުގެ ޕްރޮގުރާމަށް އެހީތެރިވުމުގެ ގޮތުން ޑަބްލިއުއެޗްއޯއިން އިސްނަގައިގެން ކުރިއަށް ގެންދާ ވެކްސިން ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ކޮވެކްސްގެ ދަށުން 229،320 ޑޯޒްގެ ފައިޒާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އެހެންކަމުން މިފަހަރު ހަދިޔާ ކުރި ވެކްސިނާއިއެކު ޖުމްލަ އަދަދު 439،920 ޑޯޒު ވެކްސިން އެމެރިކާއިން ރާއްޖެއަށް މިހައިތަނަށް ހަދިޔާކުރެވުނީއެވެ.

ރާއްޖޭގައި ބޫސްޓަރ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާާ ވެކްސިނެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން އެމެރިކާ އިން ވަނީ ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

އެގޮތުން ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓުގެ (ޕީޕީއީ)ގެ ގޮތުގައި ބޭނުންކުރާ 32,000 ކޭ.އެން-95 މާސްކާއި 4,000 ޕްރޮޓެކްޓިވް ގޮގްލްސް އާއި 316,000 ޖޯޑު ކުދި، މެދު އަދި ބޮޑެތި ސައިޒުގެ އަންގި އައި ޑައިގްނޯސްޓިކް ޓޫލްސްގެ ގޮތުުގައި 100،000 ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓް ކިޓާއި އޮކްސިޖަން ހުރި މިންވަރު ބަލާ 600 ފިންގަޓިޕް ޕަލްސް އޮކްސިމީޓަރު އާއި ރާއްޖޭގެ 60 ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަށް 60 ވެންޓިލޭޓަރު ވަނީ ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ކޭސް މެނޭޖްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 60 ފެސިލިޓީއަކުން 796 ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކޮށްފައިވާ އިރު، ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުތަކާއި ސަރުކާރުގެ ސްކޫލްތަކުގެ 76,000 ދަރިވަރުންނާއި، 9،000 މުދައްރިސުންނަށް ކުއްލި ހާލަތުގައި ބޭނުންކުރާނޭ ތަކެތި ހަދިޔާކޮށް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ ކެމްޕޭން ހިންގުމަށް ވެސް ވަނީ އެހީތެރިކަން ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް