އިސްލާމްދީން ގޮވައިލައްވަނީ މަސައްކަތް ނުކޮށް، ކަންނެތްވެފައި ނުތިބުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ މުރާލިކަމާއި ހީވާގިކަމާ އެކު ހުއްދަ މަސައްކަތްތައްކޮށް ރިޒްޤު ހޯދައި އުޅުމަށް އިސްލާމްދީނުގައި ބާރު އަޅުއްވައި ގޮވާލައްވައިފައިވާ ކަމަށާއި ހަމަ އެފަދައިން އިސްލާމް ދީން ގޮވައިލަނީ މަސައްކަތް ކޮށްގެން ތިމާގެ ދިރިއުޅުން ބިނާ ކުރުމަށް ކަމަށެވެ.
ރަސޫލާ (ޞޢވ) އަކީ ހުރިހާ ކަމެއްގައި ވެސް މާތް ﷲ އަހަރެމެންނަށް ދެއްކެވި އެންމެ ފުރިހަމަ ނަމޫނާ ކަމަށާއި އެކަލޭގެފާނު ތުއްޕުޅުއިރުން ފެށިގެން މަސައްކަތްޕުޅު ކުރައްވައިފައިވާކަން ފާހަގަކުރައްވާ، ޚުތުބާގައި ބުނީ އެހެންމީހުންނަށް މަސައްކަތް ކޮށްދެއްވުމާއި، ވިޔަފާރީގެ މަސައްކަތުގައި ވެސް އެކަލޭގެފާނު ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ގޭތެރޭގެ ބައެއް މަސައްކަތްތަކާއި، އަމިއްލަފުޅު ބައެއް މަސައްކަތްޕުޅުތަކުގެ އިތުރަށް، ޤައުމީ މަސައްކަތްތަކުގައި ވެސް އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
"މިގޮތުން ރަސޫލާ (ޞޢވ) މަސްޖިދުލްނަބަވީ ބިނާ ކުރެއްވުމުގައި ހިލަ އުފުއްލެއްވުމާއި، ވެލި އުފުއްލެއްވުން ފަދަ ކަންކަމުގައި އަސްޙާބު ބޭކަލުންނާއެކު މަސައްކަތް ކުރެއްވިއެވެ. އަދި އަޙުޒާބު ހަނގުރާމަ ފެށުމުގެ ކުރިން ޚަންދަގު ކޮންނެވުމުގެ މަސައްކަތުގައި، އެހެން މުސްލިމުންނެކޭ އެއްފަދައިން އެކަލޭގެފާނު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ." ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ތިމާ ކުރާ ކޮންމެ ކަމެއް ވެސް ކުރަންވާނީ ވީ އެންމެ ރަނގަޅަކަށް ކަމަށާއި އެކަމެއް ކުރަން އޮތް އެންމެ ފުރިހަމަ ގޮތަށް ކަމަށް ވެސް ވަނީ ބުނެފައެވެ. އޭރުން އެމީހަކު ދެކެ މާތް ﷲ ލޯބިވެވޮޑިންނަވާނެ ކަމަށާއި މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި އިތުބާރު ބޮޑުވެގެންދާނެކަން ޚުތުބާގައި ފާހަގކުރައްވާފައިވެއެވެ.
ޚުތުބާގައި ބުނީ ކަން މިހެން އޮތް ނަމަވެސް މުޖުތަމައުގެ ތެރެއިން ގިނައިން ފެންނަމުން ދަނީ، މިއާ ޚިލާފު ގޮތްތަކެއް ކަމަށާއި ކުރާ މަސައްކަތުގައި ފަރުވާތެރިކަމެއް، ތެދުވެރިކަމެއް ނެތި، ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި، ފަރުވާކުޑަކޮށް، އެމަސައްކަތެއް ކުރުމުގެ ސަބަބުން ވެރިފަރާތަށް ބަރުދާސްތު ނުކުރެވޭފަދަ ބޮޑެތި ގެއްލުން ލިބެމުންދާތަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް