ނަފްސާނީ ހަމަޖެހުން ދެމެހެއްޓެމުގެ ފައިދާ

ނަފްސާނީ ހަމަޖެހުން ދެމެހެއްޓުމަކީ އެކަމުގެ ފައިދާ ހަށިގަނޑަށާއި ސިކުނޑިއަށް ކުރާކަމެކެވެ. އޭގެ ސަބަބުން ދުވަހުގެ އެކި ވަގުތުތަކުގައި ދިމާވާ އެކިއެކި ހިތްހަމަ ނުޖެހުމާއި ސްޓްރެސްފިލައި މީހާގެ ޖިސްމާނީ...

28 Jan 2022 | 07:28

ނަފްސާނީ ހަމަޖެހުން ދެމެހެއްޓުމަކީ އެކަމުގެ ފައިދާ ހަށިގަނޑަށާއި ސިކުނޑިއަށް ކުރާކަމެކެވެ. އޭގެ ސަބަބުން ދުވަހުގެ އެކި ވަގުތުތަކުގައި ދިމާވާ އެކިއެކި ހިތްހަމަ ނުޖެހުމާއި ސްޓްރެސްފިލައި މީހާގެ ޖިސްމާނީ ޙާލަތާއި ނަފްސާނީ ޙާލަތު ރަނގަޅުވެގެންދެއެވެ.

ވިސްނުމުގެ މިސްރާބު ސާފުވެގެން ދިއުމާއި ކަންކަން ނިންމުމުގައި ރަނގަޅުގޮތް ކަނޑައަޅަން އެނގުން ހިމެނެއެވެ. އަދި ދިމާވާ އެކިއެކި ޕްރެޝަރުތަކަށް ޖާގަ ނުދިނުމަށް ހިތްވަރުލިބެއެވެ.

ދިރިއުޅުމުގެ ކަންކަމާމެދު ޕޮޒިޓިވްކޮށް ވިސްނާ ޙަޔާތުގެ ތަޖްރިބާ ރަނގަޅުގޮތުގައި ހިފަން ދަސްވެއެވެ.

ހަމަ އެހެންމެ، ނަފްސާނީ ހަމަޖެހުން ދަމަހައްޓައި ފައްސިކޮށް ވިސްނުން ގެންގުޅުމުން ޖިސްމާނީ ޞިއްޙަތު ރަނގަޅުވެ، ނޭވާކުރުވުމާ ދުރުހެލިވެއެވެ. ހަށިގަނޑުގެ މަސަލްތައް ހަމަޖެހި ލޭގެ ޕްރެޝަރު ދަށްވެއެވެ. އަދި ހާޓް އެޓޭކް ޖެހުމުގެ ފުރުޞަތު ހަނިވުމާއެކު ހަށިގަނޑުގެ ދިފާޢީބާރު ވަރުގަދަވެ، ސްޓްރެސްގެ ސަބަބުން ޖެހޭ ބަލިތަކާ ދުރުހެލިވެއެވެ.

ނަފްސާނީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ވީހާވެސް ފައްސިކޮށް ތިމާގެ ވިސްނުމާއި ހިޔާލުތައް ބެހެއްޓުން މުހިންމެވެ.

ހާސްވެ ކަންބޮޑުވާ ކަންކަމާ ދިމާވުމުން ގިނަފަހަރަށް ނޭވާލެވޭނީ ތިލަކޮށް އަވަސްކޮންނެވެ. ވީމާ، ނަފްސާނީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އެންމެ އާދައިގެ ކަމަކަށް ކުރެވޭނެކަމަކީ ފުންކޮށް ލަސްލަހުން ނޭވާލުމެވެ. އޭގެ ސަބަބުން ހިތުގެ ވިންދު ލަސްވާނެއެވެ. ލޭގެ ޕްރެޝަރު ދައްވެ ހަށިގަނޑުގެ މަސަލްތައް ވެސް ރިލެކްސްވާންފަށާނެއެވެ.

އެއްވެސް މީހެއްގެ އުނދަގޫ ނުވާނެތަނެއް ހޯދާށެވެ. އަރާމުވާގޮތަށް ގޮނޑިއެއްގައި އިށީންނާށެވެ. ދެފައިތިލަ ބިންމަތީގައި ޖެހޭގޮތަށް ބަހައްޓާށެވެ. ނޫނީ ހަމަޖެހޭ ގޮތަށް އޮށޯންނާށެވެ. އެއްއަތް ބަނޑުމަތީގައި އަނެއް އަތް މޭމަތީގައި ބާއްވާށެވެ. މަޑުމަޑުން އެތެރެއަށް ނޭވާދަމާލުމަށްފަހު ތިނަކާ ހަމައަށް ގުނާލާށެވެ. މަޑުމަޑުން ބޭރަށް ނޭވާ ދޫކޮށްލާށެވެ. މޭމަތި ތިރިވާކަމުގެ އިޙްސާސް އަމިއްލައަށް ކުރެވޭނެއެވެ.

ރިލެކްސް ވުމަށްޓަކައި މެޑިޓޭޓް ކުރުން

މަޑުމަތިރިކަމާއެކު އިދެވޭކަހަލަ ތަނެއް އިޚްތިޔާރު ކުރާށެވެ. ނޭވާލުމަށް ފޯކަސްކުރާށެވެ. ފަސްފަހަރު ފުންކޮށް ނޭވާލާށެވެ. ނޭވާލާއިރު އެތެރެއަށް ނޭވާލާނީ މަޑުމަޑުން ނޭފަތުންނެވެ. ނޭވާ ބޭރުކޮށްލާނީ މަޑުމަޑުން އަނގައިންނެވެ. އެތެރެއަށް ނޭވާލާއިރު ސާފުވައި ހަށިގަނޑުގެ ތެރެއަށް ވަންނަކަމުގެ ވިސްނުން ބަހައްޓާށެވެ. ބޭރަށް ނޭވާލާއިރު ހަށިގަނޑުން ހުރިހާ ޕްރެޝަރެއް ބޭރުވެގެން ދާކަމުގެ ވިސްނުން ގެންގުޅޭށެވެ.

އެންމެ ފަހު ނޭވާ ދޫކޮށްލާއިރު މަޑުމަޑުން ލޯމަރާލާށެވެ. އަމިއްލަ ޙިއްސުތައް ދެނެގަންނާށެވެ. އެއްވެސް އަޑެއް ނުވަތަ ވަހެއް ނުވަތަ ރަހައެއް އިޙްސާސްވޭތޯ ބަލާށެވެ. ހަށިގަނޑުގެ ބަރުދަނުގެ އަސަރު އިށީދެއިން ގޮޑިއަށް ނުވަތަ އިށީދެ އިން ތަނަކަށް ކުރާކަމުގެ އިޙްސާސް ކުރާށެވެ.

އަމިއްލަ ހަށިގަނޑާމެދު ވިސްނާށެވެ. ބޮލުގެ ފުއްކިބައިން ފެށިގެން ފައިގެ ކުޑަވާ އިގިއްޔާ ހިސާބަށެވެ. އެއްވެސް ސްޓްރެސްއެއް ނުވަތަ އުނދަގުލެއް އިޙްސާސްވޭތޯ ބަލާށެވެ. ދެވަނަ ފަހަރަށް އަނެއްކާ ހަށިގަނޑު ސްކޭންކޮށްލާށެވެ. ހަށިގަނޑުން އެންމެ ރިލެކްސްކޮށްވަނީ ކޮންބައެއްތޯ ވިސްނާލާށެވެ. މިގޮތަށް ހަށިގަނޑު ސްކޭންކޮށްލަން ނަގާނީ ވިހި ސިކުންތުވަރެވެ. ފިކުރުތައް ހުރިގޮތެއް ވިސްނާލާށެވެ. ނަމަވެސް އެއްވެސް ވިސްނުމެއް ބަދަލުކުރުމަށް މަސައްކަތް ނުކުރާށެވެ. އަމިއްލަ މިޒާޖު ހުރިގޮތެއް ދެނެގަނެވޭތޯ ބަލާށެވެ. އަމިއްލަ ވިސްނުމާމެދު ޙުކުމް ނުކުރާށެވެ.

އަލުން ނޭވާލަމުން ދާށެވެ. ނޭވާލެވޭ ގޮތާމެދު ވިސްނާށެވެ. އާދައިގެ ޠަބީޢަތުގައި ނޭވާލާގޮތަށް ނޭވާލާށެވެ. ކޮންމެ ނޭވާއަކާ މެދު ވިސްނާލާށެވެ. ފުންނޭވާއެއް ހެއްޔެވެ؟ ދިގު ނުވަތަ ކުރު ނޭވާއެއް ހެއްޔެވެ؟

އަވަސް ހެއްޔެވެ؟ ނުވަތަ ލަސް ހެއްޔެވެ؟ އަޑު ފާޅުނުކޮށް ނޭވާ ގުނާށެވެ. 1 އެތެރެއަށް ނޭވާލާއިރު، 2 ބޭރަށް ނޭވާލާއިރު، 3 ދެން އެތެރެއަށް ނޭވާލާއިރު މިގޮތަށް 10 އާ ހިސާބަށްގުނާށެވެ. ދެން އަނެއްކާ 1 ން ފަށާށެވެ. ވިސްނުން ވިއްސި ވިހާލިވެގެން ދިޔަޔަސް އަޅާނުލާށެވެ. ނޭވާލުމަށް ކޮންސެންޓްރޭޓް ކުރާށެވެ.

ނޭވާލުމުގެ ތަމްރީން ނިމޭ ހިސާބުން ބައި މިނެޓެއް ހާއިރު އިށީނދެ އިންނާށެވެ. ދެން ސިކުނޑި ވިސްނާނެ އެއްޗެއް ވިސްނަން ދޫކޮށްލާށެވެ. ވަކިކަމަކާ މެދު ވިސްނިޔަސް އެތައް ކަމަކާމެދު ވިސްނިޔަސް ވިސްނުން ވިއްސި ވިހާލިވިޔަސް އަޅާނުލާށެވެ. ފަސޭހަކަމާއެކު ވިސްނުން ދޫކޮށްލާށެވެ.

ކޮންމެވެސް މާއްދީ ކަމަކާ މެދު ވިސްނުން ބަހައްޓާށެވެ. މިސާލަކަށް އިންތަން ނުވަތަ ފައި ބިމުގަ ޖެހުންފަދަ ކަމަކާ މެދުއެވެ. އެއްވެސް އަޑެއް އިވޭތޯ ބަލާށެވެ. މަޑުމަޑުން ލޯ ހުޅުވާލާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް