ތުރުކީގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގަންނަވާނީ މިއަދު ހަވީރު 4 ޖަހާއިރު

ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުޓް ޗަވުސޮލޫ ރާއްޖެ ވަޑައިގަންނަވާނީ މިއަދު ހަވީރު 4 ޖަހާއިރު ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ މިގޮތަށް އޮތް ނަމަވެސް ފަހަރުގ...

28 Jan 2022 | 06:56

ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުޓް ޗަވުސޮލޫ ރާއްޖެ ވަޑައިގަންނަވާނީ މިއަދު ހަވީރު 4 ޖަހާއިރު ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިގޮތަށް އޮތް ނަމަވެސް ފަހަރުގައި ފްލައިޓުގެ ތާވަލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ތުރުކީގެ ފޮރިން މިނިސްޓރަ ރާއްޖެއަަށް މިވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކަމަށެވެ. އަދި މިއީ ތުރުކީގެ ފޮރިން މިނިސްޓަރެއް ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތްވެސް މެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިޔަށްގެންދިއުމަށާއި ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމާއި ރަސްމީ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ.

ތުރުކީ ގެ ފޮރިން މިނިސްޓަރ ގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއިން ފުރަވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

މިނިސްޓަރު ޗަވުސޮލޫ ތުރުކީ ގެ ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތީ 2015 ވަނަ އަހަރުއެވެ. އޭގެ ކުރިން ވެސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެމަނިކުފާނު ވަނީ އެ މަގާމު އަދާކުރައްވާފައެވެ.

އެމަނިކުފާނަކީ ތުރުކީ ގެ ރައީސް ރަޗިޕް ތައްޔިޕް އެރްދޮއާންގެ އެންމެ އަރިސް އެއް ބޭފުޅާއެވެ. އަދި ޔޫރަޕް ބައްރުގެ ވެސް އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ލީޑަރުގެ ގޮތުގައި ވެސް މިނިސްޓަރު ޗަވުސޮލޫ ވަނީ ފާހަގަކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް