ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރު މުޅި ދުނިޔެއަށް ފާއްދާލި ޢާލަމީ ވަބާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ރާޅަކަށް ފަހު ރާޅެއް ބިންދަމުން އައިސް ރާއްޖެއަށް މިއޮތީ ހަތަރު ވަނަ ރާޅު ބިންދާލާފައެވެ.
ބައްޔަށް ޕޮޒިޓިވް ވާ ނިސްބަތް ކޮންމެ ދުވަހު ވެސް ދެ ހާހުން މައްޗަށް އަރައި، ތިން ހާހާއި ގާތްކުރާ އިރު، ރައްޔިތުންގެ ޝަކުވާއަކީ ބައްޔަށް ފަސޭހައިން ޓެސްޓު ކުރެވޭނެ އިންތިޒާމެއް ނެތުމެވެ. ގިނަ އިރު ކިޔޫގައި ހުންނަން ޖެހުމެވެ. އަދި އަމިއްލަ ކްލިނިކްތަކުން އެ ޓެސްޓު ހެދޭ އަގު ބޮޑުވުމެވެ.
އެހެންވެ، ގިނަ މީހުން އަމާޒު ހިފީ ސަރުކާރުން ހަދާފައިވާ ސާމްޕަލް ސެންޓަރުތަކަށް ގޮސް ހިލޭ ޓެސްޓު ހެދުމަށެވެ. ސަރުކާރުގެ ފަރާތުން ވެސް ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ސާމްޕަލް ނެގުމަށް އިތުރު ސެންޓަރުތައް ގާއިމުކުރިއެވެ. ނަތީޖާއަކީ ގިނަ ވަގުތު ކިޔޫ ގައި މަޑުކުރަން ނުޖެހި، ވަގުތު ސަލާމަތްވުމެވެ.
މިއާއެކު ރާއްޖޭގެ ބައެއް އަމިއްލަ ކްލިނިކްތަކުންނާއި އަމިއްލަ ފަރުދުން ވެސް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް "ވަގުތުން ނަތީޖާ ލިބޭ ކޮވިޑް ޓެސްޓު ކިޓް" ގެނެސްގެން ދަނީ ވިއްކަމުންނެވެ.
ފަހަރެއްގައި ވެސް އަޅުގަނޑުމެންގެ ބޭނުމަކީ އެ ވިޔަފާރިއަށް ހުރަސް އެޅުމެއް ނޫނެވެ. މަޤުސަދަކީ ރައްޔިތުންނަށް ހެޔޮ ނުބައި އަންގައިދިނުމެވެ.
މިކަމާއިގުޅިގެން ސިއްހީ ބައެއް މާހިރުންނާ މަޝްވަރާކޮށްލީމެވެ. އޭގެތެރެއިން ގިނަ ބޭފުޅުން ވިދާޅުވަނީ "ސިއްހީގޮތުން ގެއްލުމެއް ނުވާނޭ" ކަމަށެވެ. އެކަމަކު އެންމެ ރަނގަޅު އަދި އެންމެ މުހިންމު ކަމަކީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، އަމިއްލައަށް އެކަހެރިވުން (އައިސޮލޭޓް) ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭނެ އަސްލު އޭގެ ކޮލިޓީއެއް. އެހެންވީމަ ޕޮޒިޓިވް މީހަކު ނެގެޓިވް ކަމަށް ވެސް ދައްކަފާނެ. އަދި ނެގެޓިވް މީހަކު ޕޮޒިޓިވް ކަމަށް ވެސް ދައްކަފާނެ. އެހެންވީމަ ހަމަ އެންމެ ރަނގަޅު ގޮތަކީ ކިރިޔާ ވެސް ބަލީގެ އަލާމާތެއް ހުރެއްޖެނަމަ، އަމިއްލައަށް އައިސޮލޭޓުވުން." ސިއްހީ މާހިރަކު ވިދާޅުވިއެވެ.
އޭގެ މާނައަކީ ޓެސްޓު ނުކުރުން ނޫން ކަމަށާއި ފެންނަ ކޮންމެ އެއްޗަކުން އަދި އަގުހެޔޮ ކޮންމެ ބްރޭންޑަކުން ޓެސްޓު ކުރުމުން ލިބޭ ގެއްލުމަށް ވުރެ، ދުރު މުސްތަގުބަލަށް ވިސްނުން މާ އައުލާކަން ބޮޑުވާނޭ ކަމަށް ވެސް ސިއްހީ މާހިރުން ވިދާޅުވިއެވެ.
ރާއްޖޭގައި ވެސް ކޮވިޑު ޓެސްޓުގެ ނަތީޖާ ވަގުތުން ލިބޭ ކިޓު، ސަތޭކަ ރުފިޔާއިން ފެށިގެން ގޮސް ފަނަރަ ސަތޭކަ ރުފިޔާ އަށް ވެސް، ކޮވިޑުގެ ނަތީޖާ ވަގުތުން ލިބޭ ޓެސްޓު ކިޓު މިހާރުދަނީ ވިއްކަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް