އެމެރިކާގަ ހިފަހައްޓާފައިވާ އަފްގާނުގެ ފައިސާތަކުން ބައެއް ހޯދަން 11/9 މަރުވި މީހުންގެ އާއިލާތަކުން ޑިމާންޑު ކުރަނީ

އެމެރިކާގެ ނިއުޔޯކް ފެޑަރަލް ރިޒާވްގައި ހިފަހައްޓާފައިވާ އަފްގާނިސްތާނުގެ ފައިސާތަކުގެ ތެރެއިން ބައެއް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގައި މަރުވި މީހުންގެ އާއިލާތ...

28 Jan 2022 | 03:51

އެމެރިކާގެ ނިއުޔޯކް ފެޑަރަލް ރިޒާވްގައި ހިފަހައްޓާފައިވާ އަފްގާނިސްތާނުގެ ފައިސާތަކުގެ ތެރެއިން ބައެއް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ދޭން ޑިމާންޑު ކުރަން ފަށައިފި އެވެ.

2001 ވަނަ އަހަރު އަފްގާނިސްތާނުގައި އޮތް ތޯލިބާނުންގެ ވެރިކަން ވައްޓާލުމަށް ފަހު އެމެރިކާ އިސްވެ އޮވެ ބޭރުގެ ސިފައިން 20 އަހަރުވަންދެން އަފްގާނުގެ ކޮންޓްރޯލް ނަގައިގެން އުޅުނު އިރު ނިއުޔޯކް ފެޑަރަލް ރިޒާވްގައި އަފްގާންގެ ހަތް ބިލިއަން އެމެރިކާ ޑޮލަރު ބަހައްޓާފައި އެބަހުއްޓެވެ. މިދިޔަ އަހަރުގެ އޮގަސްޓު 15 ވަނަ ދުވަހު އަލުން ތޯލިބާނުން އެ ގައުމުގެ ވެރިކަން ހޯދުމުން އެ ފައިސާ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ބުނެ ތޯލިބާނުންނަށް ދޫކުރަން އެމެރިކާއިން ދަނީ ދެކޮޅު ހަދަމުންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ތޯލިބާނުން ބަލައިިގަތުމަށް ދެކޮޅު ހެދުމުގެ ސަބަބުން އެ ގައުމުގެ ރައްޔިތުން ހާލުގައި ޖެހި ބަނޑުހައި ހޫނުކަން ތަހައްމަލް ކުރަމުންދާއިރު ތޯލިބާނުން ދަނީ ގައުމު ނަގާ އަލުން ކޮޅަށް ޖެހުމަށް އެ ފައިސާ ދޫކޮށް ދިނުމަށް އެމެރިކާއަށް އާދޭސް ކުރަމުންނެވެ. އެކަމަކު މިކަމާއި ގުޅޭގޮތުން އެމެރިކާއިން ގޮތެއް ނުނިންމައެވެ.

މި މައްސަލައިގެ ތެރެއަށް ސެޕްޓެމްބަރު 11 ގެ އާއިލާތައް ކުއްލިއަކަށް ފުންމާލައި އެމީހުން ވަނީ އެ އާއިލާތަކަކީ އެ ފައިސާތަކުގެ ހައްގުވެރިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށްބުނެފަ އެވެ. އަދި އެ އާއިލާތައް ތަމްސީލް ކުރާ ގާނޫނީ ވަކީލު ވަނީ އެ މައްސަލަ ނިއުޔޯކްގެ ކޯޓަކަށް ހުށަހަޅައި ސަރުކާރަށް އެކަން ހުށަހަޅާފައި އެވެ.

ގާނޫނީ ވަކީލު ބުނީ ނިއުޔޯކް ފެޑަރަލް ރިޒާވްގައި ހުރި އަފްގާންގެ ހަތް ބިލިއަން އެމެރިކާ ޑޮލަރު ޖެހޭނީ ދެ ބައި ކުރަން ކަމަށެވެ. އޭގެ ތެރެއިން އެއް ބައި އެމީހުންނަށް ދިނުމަށްފަހު ބާކީބައި ތޯލިބާނުންނަށް ނުދީ އެމެރިކާގެ ބެލުމުގެ ދަށުން އަފްގާންގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ބޭނުން ކުރުމަށް އެދިފަިއވެ އެވެ.

މިކަމާއި މެދު ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.

އެމީހުން މިގޮތަށް ޑިމާންޑު ކުރަނީ ސެޕްޓެމްބަރު 11 ގެ ޓެރަރިސްޓު ހަމަލާއަކީ ތޯލިބާނުން ވާގިވެރިވާ އަލްގައިދާ ޖަމާއަތުން ދީފައިވާ ހަމަލާއަކަށް ވާތީ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް