އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޯވިޑް-19 ވެކްސިން "ކޮވިޝީލްޑް" އަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފިއެވެ.
އެމްއެފްޑީއޭއިން މި ވެކްސިނަށް ދީފައިވަނީ ހާއްސަ ހާލަތުގައި ވަގުތީ ހުއްދަ އެކެވެ.
އެ އޮތޯރިޓީން މިރޭ ނޭރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިން އަށް ހުއްދަ ދީފައިވަނީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށް ފަހު ކަމަށެވެ. އެގޮތުން ވެކްސިނަށް ހުއްދަ ދިނުމުގައި ތިން ކަމެއް ބަލާފައިވާނެ ކަމަށް ބުނެ އެވެ.
މި ވެކްސިންއަށް ހުއްދަދިނީ އެމްއެފްޑީއޭގެ ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު ކަމަށްވާ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ބަޔާނުގައި ބުނީ ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިނަށް ހުއްދަ ދޫކޮށްފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުން ކުރުމަށް ކަމަށެވެ. އެކަމަކު މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަ ދެވިފަ ނުވާނެ ކަމަށް ބުނެ އެވެ.
އާންމުކޮށް ކޮންމެ ވެކްސިނަކީވެސް އެ ބޭނުން ކުރުމުން ރިއެކްޝަންތަކެއް އަންނާނެ ވެކްސިނެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ކޮވިޝީލްޑް ވެކްސިން މީހުންނަށް ދިނުމުން ދިމާވެދާނެ ކަންކަން އެ އޮތޯރިޓީއާއި ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭއިން މޮނިޓަކުރަމުން ދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އޮކްސްފޯޑް އެކްސްޓްރާ ޒެނަކާ ވެކްސިނާއި ކޮވިޝީލްޑް ބްރޭޑްގެ ވެކްސިނާއި ގުޅޭގޮތުން އެކި ގައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށްފައިވާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އަދި އެ ބެލި ބެލުމުން އެ ދެ ވެކްސިނަކީވެސް އެއް ކޮމްޕޮޒިޝަން އަދި ފޯމިއުލޭޝަނެއްގެ މައްޗަށް ބިނާކޮށް އެފައްދާފައިވާ އެއްޗެއްކަން ޔަގީން ކުރެވުނު ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެމްއެފްޑީއޭއިން ބުނީ ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދިނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް