ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން ރަށްވެހިކަން ބަދަލުކޮށް ވީހާވެސް އަވަހަކަށް އައިޑީކާޑު ހެއްދުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރެޖިސްޓްރީ ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން ރަށްވެހިކަން ބަދަލުކޮށް އަންނަ ފެބްރިއަރީ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އައިޑީކާޑު ހެއްދުމަށް އެދޭ ކަމަށް އީސީން ބުނެ އެވެ.
ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ވަނީ އާންމު ކޮށްފައި އެވެ. އެކަމަކު އީސީން ބުނީ އިންތިހާބުގެ ތާރީހަށް އައި ބަދަލާއި އެކު ވޯޓާސް ލިސްޓަށް އަންނަ ބަދަލުތަކާއި އެކު އަލުން ވޯޓާސް ލިސްޓު އާންމު ކުރާނެ ކަމަށެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ތާވަލް ކޮށްފައިވަނީ އޭޕްރިލް 10 ވަނަ ދުވަހުގެ އެވެ. އީސީން ބުނީ އިންތިހާބު ބާއްވާ ދުވަހާއި ހަމައަށް 18 އަހަރުވާ ހުރިހާ ދިވެހި ރައްޔިތުންނަށް ވޯޓު ލުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
މާދަމާއިން ފެށިގެން އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން ސިވިލް ސާވަންޓުން ސަސްޕެންޑުވާނެ އެވެ. އަދި އީސީން ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް