ސިލްސިލާ ވާހަކަ: ޒާރާ - ފަސްދޮޅަސް ނުވަވަނަބައި

''މަންމަ އަންނާނެ .......... އިމްރާން ފުރިފަހުން އަހަރެން ކޮޓަރި ތަޅެއް ނުލަން.............'' ޖެހިލުންވެ ހުރެ ޒާރާ ޖަވާބުދިނެވެ. ''ހެޔޮ............ ދުވަހަކު ތަޅު ނުލިޔަސް މިހާރު ތަޅުލާ...................

28 Jan 2021 | 12:29

''މަންމަ އަންނާނެ .......... އިމްރާން ފުރިފަހުން އަހަރެން ކޮޓަރި ތަޅެއް ނުލަން.............'' ޖެހިލުންވެ ހުރެ ޒާރާ ޖަވާބުދިނެވެ.

''ހެޔޮ............ ދުވަހަކު ތަޅު ނުލިޔަސް މިހާރު ތަޅުލާ.................. '' އާދިލް ހުރީ ހަމަރަނގަޅަށްވެސް މޮޔަވެފައެވެ. އޭނާ އެހާ ރުޅަގަދަވެފައިހުއްޓާ ޒާރާއަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ.

''ދެން ދޫކޮއްލާ......... އަހަރެންގެ ދަރިފުޅު އެއޮއް މަރުވަނީ............ އަހަރެންގެ ކިބައިން ބަދަލު ހިފަން ބޭނުންވިޔަސް އެކުއްޖާފުޅުގެ އެއްވެސް ކުށެއް ނެތެއްނު...............'' ޒާރާއަށް ގިސްލާ ރޮއިގަނެވުނެވެ.

''ޝަރުތެއްގެމަތިން...................'' އާދިލް ޒާރާގެ ހަށިގަނޑަށް އަދިވެސް ބޮޑަށް ބާރުކޮއްލިއެވެ.

''އެންމެ ރަނގަޅު........... އާދިލްގެ ކޮންމެ ޝަރުތެއް އަހަރެން ގަބޫލު ކުރާނަން............. އަހަރެންގެ ދަރިފުޅު އެއޮއް މަރުވަނީ........... ދެން ދޫކޮއްލާ............'' ޒާރާ ގިސްލަމުން ވާހަކަ ދެއްކިއެވެ. މިވަގުތު އިތުރަށް ވިސްނާކަށް އޭނާއަކަށް ވަގުތެއް ނެތެވެ. ޒިލީ ރޮއިރޮއި ވަރުބަލިވެގެން އަޑު ކެނޑެމުންދަނީއެވެ. އެހާވަރަށް ޒިލީ އަދި ދުވަހަކުވެސް ނުރޮއެވެ.

''ދޭ.......... ޒާރާގެ ދަރިފުޅަށްޓަކައި މި ދޫކޮއްލީ............ ނަމަނަމަ ގޯހެއް ނުހަދާތި.............'' އާދިލް ދިނީ އިންޒާރެކެވެ.

ޒާރާގެ ހަށިގަނޑުގައި ވަށާލެވިފައިވާ އާދިލްގެ އަތް ނައްޓުވާލިއެވެ. އާދިލްގެ އަތްދަށުން ދެމިގަނެގެން ޒާރާ ދުއްވައިގަތީ ދަރިފުޅު އޮތް އެނދާ ދިމާއަށެވެ. އެހާބާރަށް ހިފަހައްޓާފައި ވުމުގެ ސަބަބުން ޒާރާގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ.

އެނދުގައި ރޮއިރޮއި ވަރުބަލިވެފައިވާ ދަރިފުޅު ނަގާ މޭގާ ޖައްސާލިއެވެ. އެވަގުތު ޒިލީގެ ރުއިން މަޑުވެ މަޑުމަޑު ގިސްލުމަކަށް ބަދަލުވެގެންދިޔައެވެ. ޒާރާގެ މޭގެ ތެރޭގައި ދަރިފުޅު ބޮޑިކޮއްލަމުން ބުރަކަށީގައި ފިރުމާލިއެވެ. އެ ތުއްތު މޫނުގައި ބޮސްދެވުނެވެ. ދަރިފުޅުގެ ރަތްވެފައިވާ މޫނަށް ބަލަންހުރި އިރު ޒާރާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. އާދިލް ދެކެ ހިތާހިތުން ނަފުރަތު ކުރެވުނެވެ. ހިތާހިތުން އާދިލްއަށް އަޑުލާ އެއްޗިހި ކިޔެވެ. އާދިލްއާ މެދު ޒާރާގެ ހިތުގައި ބިންވަޅު ނެގިފައިވާ ލޯބި ނަފުރަތުން ފަވާލެވިއްޖެއެވެ.

ޒިލީ ހަމައަކަށް އެޅެން ފެށުމުން ޒާރާ ބޭނުންވީ ދަރިފުޅަށް ގާތުން ދޭށެވެ. ޒިލީގެ ބަނޑުހައިކަން ޒާރާއަށް އިހްސާސް ކުރެވެން ފެށިތާ އިރުކޮޅެއް ވެއްޖެއެވެ. މައިމީހާއާ ދަރިފުޅާ ދެމެދުގައި ﷲ ލައްވަވާފައިވަނީ އެހާވެސް މަތިވެރި ގުޅުމެކެވެ. ދަރިފުޅު ބަނޑުހައިވެއްޖެއްޔާ މަންމައަށް އެކަން އިހްސާސް ކުރެވެއެވެ.

އާދިލް ކޮޓަރިތެރޭގައި ހުއްޓާ ދަރިފުޅަށް ފީޑްކުރަން ޒާރާ ފަސްޖެހުނެވެ. ދަރިފުޅު ގޮވައިގެން ޒާރާ ހިނގައިގަތީ ކޮޓރިން ނިކުންނާށެވެ.

''ކޮންތާކަށް...............'' އާދިލް ޒާރާގެ ކުރިމައްޗަށް އަރަމުން ހުރަސްއެޅިއެވެ.

''ބޭބީއަށް ފީޑްކުރަން................'' ޒާރާ އިސްޖަހާލިއެވެ.

''މިތަނުގަ ކުރޭ............... އަހަރެން މީ ޒާރާގެ ލޯބިވެރިޔާއެއް ނޫންތަ.............. ޒާރާއަކީ މަށަށް އާ މީހެއް ނޫނޭ........ ހަނދާނެއް ނެތް ދޯ................ ރައްޓެހިވެގެން ދެތިން އަހަރު އުޅުނު ހަނދާނެއް މިހާރަކު ނެތްދޯ................ ވާނީވެސް ތިހެން ................'' އާދިލް ގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ރާގުގައިވަނީ މަލާމާތުގެ ގޮތްގަނޑެވެ.

އާދިލް ގެ ގޮތްދޫނުކުރުމުގެ ސަބަބުން ޒާރާ ރުޅި ގަދަވާންފެށިއެވެ. ޒިލީގެ ރުއިން ހުއްޓުވޭނެ ގޮތެއް ޒާރާއަކަށް ނުހެދުނެވެ.

''އިމްރާނަށްވުރެ ކުރިން ޒާރާ ދެކެ ލޯބިވީ އަހަރެން........އެކަމެއް ޒާރާއަކަށް ނޭނގޭތަ......... އަދި އަހަރެން ލޯބިވާވަރާ ގާތަށްވެސް އިމްރާނަކަށް ޒާރާ ދެކެ ލޯތްބެއް ނުވެވޭނެ......... މީ ހަގީގަތަކީ...... ''އާދިލްގެ ފޯނަށް އައި  ކޯލު ބިޒީކޮއްލަމުން ފޯނު ޖީބަށްލިއެވެ.

''މިހާރު ކަންތައް މާ މައްޗަށް ތިދަނީ ........އާދިލަށް ވުރެ ފަހުން އިމްރާން އަހަރެންދެކެ ލޯބި ވިޔަސް އިމްރާން އަހަރެންދެކެ ވަނީ ހަޤީގީ ލޯބި......... އާދިލް ތިވަނީ ލޯތްބެއް ނޫން........... ތިކަލަ މީހުނަށް މީހުންދެކެ ލޯބިވާކަށް ނޭނގޭނެ........... ދެން އަހަރެން ނުހުންނާނަން އާދިލް ހެދިގޮތެއް ހެދިގެނެއް........... މިހާރު ދެން އިތުރަށް އާދިލްގެ ވާހަކަ އަޑުއަހާކަށް އަހަރެން ނެތިން............. ނިކުމޭ މިތަނުން......... ހަމަ މިހާރު ނިކުމޭ............'' ޒާރާ ހަޅޭއްލަވައިގަތެވެ.

''އަހަރެން މިކަހަލަ މީހަލަމީހަކަށް ހެދި މިހަކީ ތީ.............. އަހަރެން މީގެ ކުރިން ޒާރާއާ ދިމާލަށް ބާރަށްވެސް އެއްޗެއް ބުނެފައެއް ނޯންނާނެ.......... އެކަމަކު މިހާރު ބޭނުމެއް ނޫން މަޑުން ބުނާކަށް............ އަހަރެންގެ ލޯބި ޒާރާ ތަޖުރިބާ ކުރިފަދައިން އަހަރެންގެ ނަފުރަތާ ރުޅިވެރިކަންވެސް ޒާރާ ވާނެ ތަޖުރިބާކުރަން..............'' އާދިލް ޒާރާއާ ދިމާއަށް ފުންމައިގަތެވެ. ޒާރާގެ މޫނާ މޫނު ކައިރިކޮއްލިއެވެ. ޒާރާގެ ކެތްތެރިކަން ކޮޅުންލިއެވެ.

އެވަގުތު ދޮރުގައި ޓަކި ޖަހާއަޑު އިވުނެވެ. އާދިލްގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. ޒާރާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ.

''ދަރިފުޅާ.................. ދޮރު ހުޅުވަބަލަ............... އެމަންޖެ ހާދަވަރަކަށް އެ ރޮނީ...............'' މައިދައިތަގެ އަޑު އިވުމުން ޒާރާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލެވުނެވެ. ހިތާ ހިތުން އާދިލްގެ ކިބައިން ސަލާމަތް ކޮއްދެއްވާތޯ ކުރަމުން އައި ދުޢާ ﷲ އިޖާބަކުރެއްވިކަމަށްޓަކައި ޝުކުރުވެރި ވެވުނެވެ. އަވަސްވެ ގަނެވުނީ ދޮރު ހުޅުވުމަށެވެ. އެހެންނަމަވެސް އާދިލް ޒާރާ ހުއްޓުވިއެވެ.

''އަހަރެންނާ ބެހޭ އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތު ބުނެގެން ނުވާނެ............. އަހަރެން މަޑުކުރާނަން ބެލްކަނީގަ .............. އޭނާ ދިޔައިމަ މަށަށް ގޮވާ.......... ނޫނީ ޒާރާވެސް ބޭޒާރުވާނެ.............'' އާދިލް ވައި އަޑުން ޒާރާގެ ކަންފަތް ދަށުގައި ބުނެލިއެވެ. އަދި ޒާރާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ބެލްކަންޏަށް ހުޅުވެންހުރި ދޮރުން ބޭރަށް ނިކުމެ ދޮރު ލެއްޕިއެވެ. ހަގީގަތުގައި އާދިލް ހުރީ ވަރަށް ހާސްވެފައެވެ. އޭނާގެ ވަޒީފާއާއި އޭނާއަށް އެކުރެވުނު ކަންތައްތައް ވިސްނި ހަމަހޭވެރިކަން ވީކަމުގައި ވެދާނެއެވެ.

''ދަރިފުޅާ.............. ކިހިނެތްވެފަ ތިހުރީ............ މުޅި މޫނު ތިހިރީ ރަތްވެފައެއްނު........... ކިހިނެތްވީ............ މަންމަ މިރޭ ތަންކޮޅެއް ލަސްވީ ރައްޓެއްސަކާ ދިމާވެގެން...............'' ސަރީފާއަށް ހީކުރެވުނީ ޒާރާ ދެރަވެފައިއެހުރީ އެކަނި މާ ގިނައިރު ހުންނަން ޖެހުމުން ކަމުގައެވެ.

އެއްވެސް ޖަވާބެއް ދިނުމެއް ނެތި ޒާރާ އަވަސްވެގަތީ ދަރިފުޅަށް ފީޑް ކުރުމަށެވެ. ޒާރާއަށް އައިސްފައިވާ ބަދަލުގެ ސަބަބު ދެނެގަންނަން ސަރީފާ ބޭނުންވިއެވެ. އިމްރާން ނެތި އެގޮތަށް ޒާރާ ދެރަވެ ރޯން ފުރުސަތު ދިނުމަކީ ސަރީފާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެހެންނަމަވެސް ޒިލީ ނިންދަވަންދެން ސަރިފާ ބޭނުންވީ އެއްވެސް ސުވާލެއް ނުކޮއް މަޑުކުރާށެވެ. ސަރީފާއަކީވެސް އެފަދަ އެތައް ހާލަތެއް ދިރިއުޅުމުގައި ތަޖުރިބާ ކޮއްފައިވާ މީހެކެވެ. އެހެންކަމުން އަބަދުވެސް އޭނާ އިޚްތިޔާރު ކުރަނީ އެފަދަ ދަނޑިވަޅުތަކުގައި ކަންތައް ކުރަންވީގޮތް އެންމެ ރަނގަޅުގޮތެވެ.

ޒިލީ ގެންގޮސް ތަންމަތީގައި ބާއްވާލުމަށްފަހު ޒާރާ އެނދުގައި އިށީދެލިއެވެ.

''ކިހިނެތްވީ................... މަންމަ ގާތުގަ ބުނަންވާނެ.............. ދަރިފުޅަށް ދިމާވާ ކޮންމެ ކަމެއްގަ މަންމަ އެހީވާނަން........'' ސަރީފާ އިށީނީ ޒާރާގެ ނުހަނު ގާތުގައެވެ. ޒާރާގެ ބުރަކަށީގައި ސަރީފާ ފިރުމާލީ ނުހަނު އޯގާތެރިކަމާއެކުގައެވެ.

އެފަދަ ހިތްދަތި ވަގުތުގައި މައިދައިތަގެ ފަރާތުން ނިހާއީ އޯގާތެރިކަން އިހްސާސްވުމުން ޒާރާއަށް ވީގޮތަކީ އެފަދަވަގުތުގައި ކޮންމެ މީހަކު ނަމަވެސް ވާނެ ގޮތެކެވެ.

ހިތްދަތިކަމާ، ސިނކުޑި ފުރިބާރުވެފައިވާ ޒާރާއަށް ގިސްލާ ރޮވުނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯތާފަތްމަތިން އޮހިގެންފިއެވެ. އެތައްފަހަރަކު ސުވާލު ކުރުމުންވެސް ޒާރާއަކަށް ޖަވާބެއް ނުދެވުނެވެ. އެންމެފަހުން ސަރީފާ ދާން ހިނގައިގަތެވެ. ޒާރާއަށް އޭނާގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ފަހަރެއްގައިވެސް ސަރީފާ އެވަގުތު އެތަނުގައި އިނުމުން ޒާރާއަށް އުނދަގޫ ވެދާނެތީއެވެ.

''މަންމާ.............'' ޒާރާގެ އަޑުގައިވަނީ ވޭނާ ކެކުޅުމުގެ އަސަރުތަކެވެ. ސަރީފާ މީގެ ކުރިން އެގޮތަށް ޒާރާ ރޯތަން ދެކެފައެއް ނުވެއެވެ. އަދި އެފަދަ ހިތްދަތި ކަމެއް އެ ރީތި މޫނުން މީގެން ދުވަހަކުވެސް ފެނިފައި ނުވެއެވެ.

''ތިވަރަށް ރޯކަށް ނުވާނެ........... މަންމަ ހާދަ ދެރަވެޔޭ ތިގޮތަށް ދަރިފުޅު ރޯތަން ފެނުނީމަ...........'' ކުރިން އިށީދެ އިންތަނުގައި ސަރީފާ އިށީދެލިއެވެ. ސަރީފާގެ ކޮނޑުގައި ޒާރާ ބޯއަޅާލިއެވެ. އަދި ގިސްލާ ރޯންފެށިއެވެ. ތުރުތުރު އަޅަމުންދިޔަ ޒާރާ ހަމައަކަށް އެޅުވޭތޯ ސަރީފާ މަސައްކަތް ކުރަމުންދިޔައެވެ.

---------------------------

ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ ދޭއް ފެބްރުއަރީ ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ.....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް