މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ވިލިމާލެއާއި، އދ. މަހިބަދޫ އަދި އައްޑޫ ސިޓީ ހުޅުމީދޫގެ އިތުރުން ނ. މާފަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ހަތަރު މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ.
މާފަރުގައި ހިންގި އޮޕަރޭޝަނަކީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިއަދު ހިންގި އެ އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ކަރުދާސްކޮޅާއި ދެ ސެލޯފިންކޮޅު ފެނިފައިވާތީއެވެ.
މަހިބަދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން މަހިބަދުއަށް ދަތުރުކުރަމުންދާ ލޯންޗަކުން އެރަށަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ހުޅުމީދޫގައި ހިންގި އޮޕަރޭޝަނަކީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 26 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ވިލިމާލޭގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނަކީ ވިލިމާލެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ވިލިމާލެ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ވިލިމާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެ ބަލައި ފާސްކުރުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 57 ރަބަރު ޕެކެޓު އެ ގެއިން ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އޭގެ އިތުރުން މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 17 ރަބަރު ޕެކެޓު އޭނާގެ އަތުން ފެނުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް