ރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމަށް ކުރިޔަށް ކުރަން އޮތީ ބުރަ މަސައްކަތްތަކެއް ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ ކޮރަޕްޝަން އާންމުވެފައިވާ މިންވަރު ވަޒަންކުރާ، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ގައުމަކަށް ރާއްޖެ ވެފައިވާކަން ހާމަވުމުންނެވެ. އެ އިންޑެކްސްގައި ރާއްޖެ މި ފަހަރު ވަނީ 55 ދަރަޖަ ކުރިއަށް ޖެހިލައިފަ އެވެ.
ޔައުގޫބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ނަތީޖާ އަކީ ރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ޔައުގޫބު ވިދާޅުވީ މި މަސައްކަތުގައި ކުރިޔަށް ކުރަން އޮތީ މާ ބުރަ މަސައްކަތްތަކެއް ކަމަށެވެ.
ޔައުގޫބުގެ ޓުވީޓުގައި ވަނީ ރާއްޖެއަށް ލިބުނު މި ކާމިޔާބީ އާއި ގުޅިގެން ރައީސް ސޯލިހަށް ތައުރީފު ކުރައްވާފައި އެވެ.
https://twitter.com/Yaugoob181/status/1354710014364155904
ޔައުގޫބަކީ މި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮރަޕްޝަނާއި ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަދައްކަވާ ބޭފުޅާއެވެ. އޭނާ ވަނީ މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަ ވިޔަސް އެކަމަކާއި ދެކޮޅަށް މަޖިލީހުގައި ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.
ޔައުގޫބު އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެ މައްސަލައަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާފައިވާ ސީޕްލޭން ޓާމިނަލް ކުރީ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދޭން ނިންމާފައިވާ ގޮތަށް މި ސަރުކާރުން ދޭން އުޅުމެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)އިން ނެރުނު 2020 ވަނަ އަހަރުގެ ސީއައިޕީ ރިޕޯޓުން ދައްކާ ގޮތުން 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 75 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 14 ޕޮއިންޓުގެ ކުރިއެރުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް