ހުޅުމާލޭ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން ބިދޭސީ މީހާ ޑީޕޯޓުކޮށްލަން ނިންމީ މަސްލަހަތަށް ބެލުމަށް ފަހުކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކޮށް ނިންމައި މިދިޔަ ހަފްތާގައި އެމީހާ އާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ. ފުލުހުން ބުނީ އެމީހާ އާއި ދެކޮޅަށް ދައުވާ ނުކޮށް ޑީޕޯޓުކޮށްލަން ނިންމީ ޕީޖީ އޮފީހުން ކަމަށެވެ.
މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގަ ދަައުވާ ކުރަން ފޮނުވުމުގެ ކުރިން އެ ހާދިސާގައި އަނިޔާލިބުނު ފަރާތާއި ޕީޖީ އޮފީހުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ކުރިޔަށް ގެންދިއުމުގައި އޭނާ ދެކޭގޮތް ބަލާފައިވާނެ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގަ ގޮތެއް ކަނޑައެޅުމުގެ ކުރިން މައްސަލައިގެ ޒާތާއި ބާވަތާއި ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑަށް ބެލި ކަމަށެވެ. އަދި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިއާޔަތް ކުރި އިރު މި މައްސަލާގައި ޖިނާއީ ދައުވާއެއް ކުރުމަށް ވުރެ މަސްލަހަތު ބޮޑީ ތުހުމަތު ކުރެވޭ ފަރާތް ޑީޕޯޓް ކޮށްލުން ކަމަށް ގަބޫލު ކުރެވުނު ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މިގޮތަށް ނިންމީ ވަކި ގައުމެއްގެ މީހަކަށް ވާތީ ނޫން ކަމަށެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ކުރިން ވެސް އަމަލު ކުރާ ގޮތެއް ކަމަށް އެ އޮފީހުން ބުނެ އެވެ.
އިތުރަށް ބުނީ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ އޮފީހަށް ހުށަހެޅު ފަރާތުންވެސް އެދިފައިވަނީ މަސްލަހަތު އިސްކޮށް ޑީޕޯޓު ކޮށްލުމަށެވެ.
ޕުލުހުން ބުނީ ޕީޖީން އެގޮތަށް ނިންމުމުން އެމީހާ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އެމީހާ ވަނީ ރާއްޖެއިން ޑީޕޯޓުކޮށްލާފައި އެވެ.
އެމީހާ ޑީޕޯޓު ކޮށްލާފައި މިވަނީ މި މައްސަލައިގަ މިމަހުގެ 25 ވަނަ ދުވަހު ފަސް ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައި ވަނިކޮށެވެ. އޭނާގެ ބަންދަށް ފަސް ދުވަސް އިތުރު ކުރީ ފުރަތަމަ ބަންދަށް ޖެހި 10 ދުވަހުގެ މުއްދަތު ހަމަވެގެންނެވެ.
އެ ހަމަލާ ދިން އިރު ދުވަސްވީ އެމީހާ ހުރީ އަސުރު ނަމާދަށެވެ. މަންޒަރު ދުށް ބައެއް މީހުން މީޑިއާގައި ބުނީ ބިދޭސީ މީހާ ފަހަތުން ގޮސް އެމީހާ ކަރުގައި ހިފީކަމަށާއި ބިދޭސީ މީހާ ހުއްޓުވީ މިސްކިތުގައި ތިބި އެހެން މީހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް