ހުޅުމާލޭ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން ބިދޭސީ މީހާ އާއި ދެކޮޅަށް ދައުވާ ނުކުރަން ނިންމައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ދުވަސްވީ މީހާއަށް ހަމަލާ ދިނީ އިންޑިއާ މީހެކެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކޮށް ނިންމައި މިދިޔަ ހަފްތާގައި އެމީހާ އާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ. ފުލުހުން ބުނީ އެމީހާ އާއި ދެކޮޅަށް ދައުވާ ނުކޮށް ޑީޕޯޓުކޮށްލަން ނިންމީ ޕީޖީ އޮފީހުން ކަމަށެވެ.
އެހެންވެ އެމީހާ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އެމީހާ ވަނީ ރާއްޖެއިން ޑީޕޯޓުކޮށްލާފައި އެވެ.
އެމީހާ ޑީޕޯޓު ކޮށްލާފައި މިވަނީ މި މައްސަލައިގަ މިމަހުގެ 25 ވަނަ ދުވަހު ފަސް ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައި ވަނިކޮށެވެ. އޭނާގެ ބަންދަށް ފަސް ދުވަސް އިތުރު ކުރީ ފުރަތަމަ ބަންދަށް ޖެހި 10 ދުވަހުގެ މުއްދަތު ހަމަވެގެންނެވެ.
އެ ހަމަލާ ދިން އިރު ދުވަސްވީ އެމީހާ ހުރީ އަސުރު ނަމާދަށެވެ. މަންޒަރު ދުށް ބައެއް މީހުން މީޑިއާގައި ބުނީ ބިދޭސީ މީހާ ފަހަތުން ގޮސް އެމީހާ ކަރުގައި ހިފީކަމަށާއި ބިދޭސީ މީހާ ހުއްޓުވީ މިސްކިތުގައި ތިބި އެހެން މީހުން ކަމަށެވެ.
މި މައްސަލައިގަ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލު ވަނީ އެމީހާގެ އަމަލު ޓެރަރިޒަމްގެ އަމަލަކަށް ހަދާފައި ނުވާތީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައި އެވެ. އޭނާ ވިދާޅުވެފައިވަނީ އަޅުކަން ކުރަން މިސްކިތުގައި ތިބޭއިރު ހަމަލާ ދިނުން ޓެރަރިޒަމްގެ ކުށަކަށް ނުވާ ކަމަށެވެ.
އަދި އެ ހާދިސާ އާއި ގުޅޭގޮތުން ނޫސްތަކުގައި ޖަހާފައިވާ ސުރުހީތައް ކިޔާލުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ. އިތުރަށް ވިދާޅުވީ މި މައްސަލައިގަ ހަރުކަށިކަމާއި ޓެރަރިޒަމް އޭ ކިޔައިގެން ވާހަކަ ދައްކާ މީހުންވެސް ތިބީ ހައްޕު ކިޔައިގެން ކަމަށެވެ.
އާންމު ގޮތެއްގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ދީނީ އަޅުކަން ކުރާ ތަންތަނުގައި ދޭ މިފަދަ ހަމަލާތަކަކީ ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ކަނޑައަޅައެވެ. އެކަމަކު މި މައްސަލައިގަ ފުލުހުން އެމީހާގެ މައްސަލަ ބަލާއި ގުޅޭގޮތުން އަދިވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް