ގިޔާސުއްދީންގައި ގްރޭޑް 10 ދަރިވަރުން އެކަނި ސްކޫލަށް ދާން ޖެހޭ ގޮތަށް ހަދައިފި

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ނުވަޔަކުން ދަށުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭގޮތަށް ބަދަލު ކޮށްފި އެވެ. މިފިޔަވަޅު އަޅާފައި މިވަނީ މާލޭގައި ކުއްލިއަކަށް ކޯވިޑްގެ ކޭސްތައް އިތު...

28 Jan 2021 | 05:42

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ނުވަޔަކުން ދަށުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭގޮތަށް ބަދަލު ކޮށްފި އެވެ.

މިފިޔަވަޅު އަޅާފައި މިވަނީ މާލޭގައި ކުއްލިއަކަށް ކޯވިޑްގެ ކޭސްތައް އިތުރުވެފައިވަނިކޮށެވެ. އަދި ސްކޫލްތަކުގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި ދަރިވަރުންނަށް ކޯވިޑް ޖެހި ނުވަތަ ޑައިރެކްޓު ކޮންޓެކްޓުންނަށްވެ ކަރަންޓިން ވާންޖެހިފައިވާ ދަނޑިވަޅެއްގައި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ސޮއި ކުރައްވާ ބެލެނިވެރިންނަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭނީ ގްރޭޑް 10ގެ ދަރިވަރުންނަށް އެކަނި ކަމަށެވެ. ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަމަށް ޓަކައި ނުވަޔަކުން ފެށިގެން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ.

އެ ސިޓީގައި ބުނެފައިވަނީ ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަމަކީ ފަރުވާކުޑަކޮށްލެވޭނެ ކަމެއް ނޫންކަމަށާއި އެއީ ސްކޫލަށް އެންމެ މުހިންކަން ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމީ ކަމަށެވެ.

މާލޭގައި ކޯވިޑް ކޭސްތައް އިތުރު ވި ނަމަވެސް ސްކޫލްތައް ބަންދު ކުރުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މިހާތަނަށް ސްކޫލް މާހައުލުގައި ކޯވިޑް ފެތުރިފައި ނުވާކަމަށް އެޗްއީއޯސީންނާއި އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް