ފ. ނިލަންދޫއަށް ދިޔަ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެ އެމީހާއި ޑައިރެކްޓު ކޮންޓެކްޓުވި 30 މީހަކު ކަރަންޓީން ކޮށްފި އެވެ.
އެމީހާ އަކީ އެޗްޕީއޭއިން ދޫކުރާ ހާއްސަ ހުއްދައިގެން ދަށުން ކަރަންޓީންވާން ނުޖެހޭ ގޮތަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ފަރާތުން ސާވޭއެއް ކުރަން ދިޔަ ޓީމެއްގައި ހިމެނޭ މީހެކެވެ. އެމީހާ އެ ރަށުގައި ހުއްޓަ އަލާމާތްތައް ފެންނަން ފެށުމުން ޓެސްޓު ކުރިނަމަވެސް ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ މަސައްކަތް ނިންމައި މާލެ އައި ފަހުން މިދިޔަ އަންގާރަ ދުވަހު ކަމަށްވެ އެވެ.
އެޗްއީއޯސީން މިއަދު ބުނީ އެމީހާ އާއި ކޮންޓެކްޓުވި 30 މީހަކު 10 ގެއެއްގައި ކަރަންޓީން ކޮށްފައިވާ ކަމަށެވެ. ކަރަންޓީނަށް ލީ މީހުންނާއި ގުޅޭ އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.
އެކަމަކު ބުނީ އެ ރަށުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. އަދި ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން ގުޅުން ނެތް ބަޔަކު ޕޮސިޓިވްވެފައިވާކަން ފާހަގަ ވެއްޖެ ނަމަ ރަށުގައި ބަލި ފެތުރެމުންދާކަމަށް ކަނޑައަޅާނެ ކަމަށެވެ.
އެކަމަކު މިވަގުތު އެ ހާލަތު ރަށުގައި ނެތުމުން ނިލަންދޫ މޮނިޓަރިންއަށް ލާފައި ނުވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް