ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހައްޔަރުކޮށްފި އެވެ.
ފުލުހުން އޭނާ ހައްޔަރު ކުރީ ރޭ ޕީޕީއެމް އޮފީސް ކުރިމަތީ ކުރި މުޒާހަރާގެ ތެރެއިންނެވެ. ޕީޕީއެމް އޮފީސް ސަރަހައްދުގައި ރޭ ކުރިޔަށް ގެންދިޔައީ ސިލްސިލާކޮށް މީގެ ދެ ދުވަސް ކުރިން އިދިކޮޅު ފަރާތްތަކުން ފަށާފައިވާ މުޒާހަރާތަކުގެ ތެރެއިން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.
ޝިޔާމްގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އިސް ދެ ބޭފުޅުން ކަމަށްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ އިއްޔެ މެންދުރު ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައި އެވެ. އެ ދެބޭފުޅުން ފުލުހުންގެ އިދާރާގައި ބޭތިއްބުމަށް ފަހު ރޭ އިރާކޮޅު ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފައިި އެވެ.
އަދުރޭ އާއި ޝުޖާއު ހައްޔަރުކުރީ އިއްޔެ މެންދުރު ހެލްތް މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަނިކޮށެވެ.
ޝުޖާއުގެ ގާނޫނީ ވަކީލު މީޑިއާގައި ވިދާޅުވީ އެބޭފުޅުން ބަންދުން ދޫކޮށް ނުލާނެކަން ރޭ އަންގާފައިވާ ކަމަށެވެ. މީގެ ކުރިން އިދިކޮޅުން ކުރި މުޒާހަރާތަކުގައި ހައްޔަރު ކުރާ މީހުން ގަޑިއިރުތަކެއް ފަހުން ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލަ އެވެ.
ޕީޕީއެމް އާއި ޕީއެންސީން ސިލްސިލާކޮށް މުޒާހަރާ ކުރަން ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި މަނީލޯންޑާ ކުރުމުގެ ކުށުގެ ހުކުމަށް ހައިކޯޓުން ތައީދު ކުރުމުންނެވެ. ކޯލިޝަނުން ވަނީ އެ ހުކުމް ބަލައި ނުގަނެ ސީދާ ހަރަކާތައް ނުކުންނަން ނިންމާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް