އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަކީ ރާއްޖޭގެ ގާނޫނު އަސާސީގެ މައްޗަށް ބަސް ހިންގޭނެ ފަރާތެއް ނޫންކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޑރ ޝައިނީ މިހެން ވިދާޅުވީ އދ.ގެ ވޯކިން ގްރޫޕުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަގުތުން ދޫކޮށްލުމަށް ގޮވާލުމުން ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު އެ ނިންމުމާއި އެއްގޮތަށް އަމަލު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލެއްވުމުން އޭގެ ރައްދުގެ ގޮތުގައި އެވެ. މިނިސްޓަރު ވިދާޅުވީ ކުރީގެ ދެ ރައީސުން އެގޮތަށް ގޮވާލެއްވުމަކީ ޒިންމާދާރުކަން ކުޑަކޮށް ރައްޔިތުންނާއި ދޭތެރޭ އެއްވެސް ވިސްނުމެއް ނެތުމުން ގޮވާލެއްވި ގޮވާލެއްވުމެއް ކަމަށެވެ.
ޝައިނީ ވިދާޅުވީ ކުރީގެ ދެ ރައީސުން އެގޮތަށް ގޮވާލެއްވި އިރު ވޯކިން ގްރޫޕުން ކޮށްފައިވަނީ ދޫކޮށްލުމަށް އެދި ރިކޮމެންޑޭޝަނެއް ކަމަށާއި އެއަށް އަމަލު ކުރުމާއި ނުކުރުމަކީ ދިވެހި ސަރުކާރުން ނިންމާނެ ނިންމުމެއް ކަމަށެވެ. މީގެ ކުރިން ވޯކިން ގްރޫޕުން ވަނީ ކުރީގެ ރައީސް ނަޝީދު ދޫކޮށްލުމަށްވެސް ގޮވާލައްވާފައި އެވެ. އެކަމަކު އެގޮތަކަށް ސަރުކާރުން އަމަލެއް ނުކުރެ އެވެ.
މިނިސްޓަރު ވިދާޅުވީ ކަންކަމުގައި ގޮތް ނިންމާނީ ސަރުކާރުން ކަމަށާއި ސަރުކާރުން އަމަލު ކުރާނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި އެެއްގޮތައް ކަމަށެވެ. އަދި ގޯހުން ކަމެއް ހިނގާނަމަ އެކަމެއް ރަނގަޅު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނީ ރާއްޖޭގައި ކަމަށާއި އެފުރުސަތު ހުޅުވާލުމުން ބައިވެރި ނުވެ މިފަދަ ގޮވާލުންތައް ކުރީގެ ރައިސުން ގޮވާލެއްވުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
"ވޯކިން ގުރޫޕުގެ ނިންމުމަކީ ރާއްޖޭގެ ގާނޫނުއަސާސީގެ މައްޗަށް ބާރު ނުފޯރުވޭ ނިންމުމެއް. ރާއްޖޭގެ ސިސްޓަމްގައި މައްސަލަތަކެއް ހުރި ނަމަ އެ މައްސަލަތައް ހައްލު ކުރުމަށް ހުޅުވާލުމުން އެ ދައުވަތަށް އިޖާބަ ނުދީ ބަލާލުމެއް ނެތި މިފަދަ ގޮވާލުންތައް ގޮވާލުމަކީ އެފަދަ ފަރާތްތަކުގެ ޒިންމާދާރުކަން ކުޑަ އަމަލެއް،" ޝައިނީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ގްރޫޕުގެ ނިންމުމުގައި ގަބޫލު ނުކުރެވޭ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ރާއްޖޭގެ ހާލަތު ދެނެގަތުމަށް ރާއްޖެއަށް އައުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައިވާއިރު ނާޒިމްގެ މައްސަލަ ބަލައި ނިންމާ ގޮތެއް ކަނޑައެޅުމަށް ފަހު ރާއްޖެ އަންނަން ބޭނުންވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އދ. ގެ ވޯކިން ގްރޫޕުން ނިންމާފައިވަނީ ކާނަލް ނާޒިމްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ރާއްޖެ އާއި ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި އޭނާ ވަގުތުށް މިނިވަންކޮށް، އޭނާއަށް ގެއްލިފައިވާ ހައްގުތަކުގެ ބަދަލު ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ދިވެހި ސަރުކާރުން ދޭންޖެހޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް