ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދާ ލީޑަރުން ހުއްޓުވައި ކުރިޔަށް ދިއުމުގެ މަގު ބަންދު ކުރުމަށް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އެ ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓު މިިދިޔަ ބުރާސްފަތި ދުވަހު ހިފެހެއްޓި މައްސަލައިގަ އަދާލަތުން ވަނީ ވަގުތުން ޝިދާތާގެ ޕާސްޕޯޓު ދޫކޮށްލަންގޮވާލާފައި އެވެ. ޝިދާތާގެ ޕާސްޕޯޓު އިމިގްރޭޝަނުން ހިފެހެއްޓީ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރަކަށް ފަހު އެނބުރު ވަޑައިގެންނެވި ތަނުންނެވެ.
ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު އެއާޕޯޓުގައި ހުންނަ ޓޫރިސްޓު ޕޮލިސްގައި އޭނާ ވަނީ ބައިގަޑިއެއްހާއިރު ހިފަހައްޓާފައި އެވެ. މިކަމާ ގުޅޭގޮތުން މިހާތަނަށް ކަމާ ގުޅޭ އެއްވެސް ފަރާތަކުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަދާލަތުގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން އުޅެނީ ސިޔާސީ ލީޑަރުން އުފެއްދުމަށް އެ ޕާޓީން ކުރާ މަސައްކަތް ހުއްޓުވަން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ބައިނަލް އަގުވާމީ ދުނިޔެއާއި ގުޅުން ބަދަހި ކޮށް ކުރިއަރާފައިވާ މުޖުތައުއެއް ބިނާކުރުމަށް ޝިދާތާ ކުރައްވާ މަސައްކަތް ހުރަސްއެޅުމަށް ކަމަށެވެ.
މިކަމަކީ އަދުލް އިންސާފާއި ހަމަހަމަކަމުގެ އިމުގެ ބޭރުން ސަރުކާރުން ހިންގަމުންގެންދާ އަނިޔާވެރި ލާއިންސާނީ ޖަރީމާތަކާއި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަމާ ދެކޮޅަށް ސާބިތުކަމާއެކު އެކަމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާއި އަދި ވަކިން ހާއްސަކޮށް ނުހައްގުން ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި އެހެނިހެން ސިޔާސީ ހައްޔަރީން މިނިވަންކުރުމަށްޓަކާ މެދުކެނޑުމެއްނެތި އަޑުއުފުއްލަވާ، އެކަމަށް ކުރައްވަމުންގެންދަވާ ހިތްވަރުގަދަ މަސައްކަތްޕުޅު ހުއްޓާލެވިދާނެކަމުގެ އުއްމީދުގައި ހިންގާ ފިނޑި ޖަރީމާއެކެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
އެ ޕާޓީގައި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގާނޫނު އަސާސީގެ 41 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ ހައްގުން މަހުރޫމުކޮށް ޝިދާތާއަށް ސަރުކާރުން ކުރަމުންދާ ފުރައްސާރަތަކަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް، ދެކޮޅު ނުޖެހޭ ބޭއިންސާފު އަނިޔާތަކެއް ކަމަށެވެ. އަދި މި އަމަލުން ފެނިގެންދަނީ ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް ސަރުކާރަށް ގޮތް ހުސްވަމުންދާތަން ކަމަށެވެ.
ޝިދާތާ ޝަރީފުގެ ޕާސްޕޯޓު ހިފެހެއްޓި އިރު މީގެ ކުރިން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އޭނާގެ ފޯނުވެސް އަތުލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް