ޖުމްލަ 21 ޓީމާއެކު އަދުރޭ ފުޓްސަލް ޗެލެންޖް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ، އަބްދުއްރަހީމް ފައުންޑޭޝަނުން “އަދުރޭ ފުޓްސަލް ޗެލެންޖް 2017” ގެ ނަމުގައި މުޅި ލ އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުޓްސ...

28 Jan 2017 | 07:38

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ، އަބްދުއްރަހީމް ފައުންޑޭޝަނުން “އަދުރޭ ފުޓްސަލް ޗެލެންޖް 2017” ގެ ނަމުގައި މުޅި ލ އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުޓްސަލް ޗެލެންޖް ލ ފޮނަދޫގައި ފަށައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ މި މުބާރާތް ފެށުމުގެ ގޮތުން ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ހިމެނޭ ޓީމަކާއި ލ ފޮނަދޫ އިން ހޮވާލެވުނު ޓީމަކާއެކު މެޗެއް ކުޅެފައިވާއިރު މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. މުބާރާތް ފެއްޓުމަށް ބޭއްވުނު ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެފްއޭއެމްގެ ރައީސް ބައްސާމް އާދިލް ޖަލީލް އާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެލެއްވި އެވެ.

300 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވާ މި މުބާރާތް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ލ ފޮނަދޫގައި އިތުރު ފުޓްސަލް ދަނޑެއް އެޅުމަށް ނިންމާފައިވާކަމުގައި ޔޫތު މިނިސްޓަރު ހާމަކުރެއްވި އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 15 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލް ހުށަހަޅާފައި ވެ އެވެ. އަދި މުބާރާތުގެ ތިންވަނަ ޓީމަށް ހަތް ހާސް ފަސްސަތޭކަ ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލް ހުށަހަޅާފައިވާއިރު މުބާރާތުގެ ފެއަރޕްލޭ ޓީމަށް ތިންހާސް ފަސްސަތޭކަ ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހުށަހަޅާފައި ވެ އެވެ. މީގެ އިތުރުން މުބާރާތުގެ އެއްމެ މޮޅު ފަސް ކުޅުންތެރިންނަށާއި މުބާރާތުގެ އެއްމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާއަށާއި ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗަށް ޓްރޮފީ ހުށަހަޅާފައި ވެ އެވެ.

އަބްދުއްރަހީމް ފައުންޑޭޝަނުން މައުލޫމާތުދޭގޮތުގައި މި މުބާރާތަކީ އަބްދުއްރަހީމް ފައުންޑޭޝަންގެ ފަރާތުން ލ އަތޮޅަށް އަމާޒުކޮށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. މި މުބރާތުގެ އެއްމެހާ އިންތިޒާމުތައް ހަމަޖައްސަނީ އެ ފައުންޑޭޝަނުންނާއި ލ ފޮނަދޫ ޒުވާނުންގެ ރޫހު ޖަމިއްޔާއިން ކަމުގައި އެ ފައުންޑޭޝަނުން ހާމަކުރެ އެވެ. އަދި މި މުބާރާތުގައި މުޅި އަތޮޅުން ކުޅުންތެރިން ބައިވެރިވާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޮޅު ކުޅުންތެރިން އެކި ޓީމުތަކުގައި ހިމަނާފައިވާކަމުގައިވެސް އެ ފައުންޑޭޝަނުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް