މާލޭ ގެއަކުން ދައުލަތަށް ލިބިފައިވާ ބައެއްގައި ހުރި ތަކެތި މިއަދު ހުސްކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.
ހައުސިންގ މިނިސްޓްރީން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މ. ދަންޑަހެލު ގެއިން ދައުލަތަށް ލިބިފައިވާ ބައިގަ އިމާރާތްކޮށް ތަކެތި ބަހައްޓާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ އެ ތަކެތި ހުސްކޮށް، އެއްވެސް މަސައްކަތެއް ކުރަމުންދާ ނަމަ އެކަމެއް ހުއްޓާލަން މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތެއް ދީފައިވާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ގަވައިދާ ހިލާފަށް އެ ބިމުގައި އިމާރާތްކޮށް ބޭނުން ކުރަމުންދާ ކަމަށެވެ.
އެހެންވެ މިއަދު މިނިސްޓްރީގެ މުވައްޒަފުން ގޮސް އެ ބިން ހުސްކޮށް އެތަން ސާފު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
މާލެއިން ދައުލަތަށް ލިބިފައިވާ ބިމެއް ހުސްކުރުމުގެ މަސައްކަތް މިއަދު ކުރާއިރު ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް ދޫކޮށްލި ބައެއް ބިންތަކުގައި އަދިވެސް މީހުން އުޅެމުންދާތީ އެތަންތަން ހުސްކުރަންވެސް ހައުސިންގ މިނިސްޓްރީން ވަނީ ތިން މަސް ދުވަހުގެ މުއްދަތެއް ދީފައި އެވެ.
މިނިސްޓްރީން ބުނެފައިވަނީ އެ މުއްދަތުގައި ޝަރުއީ މަރުހަލާ ފުރިހަމަކޮށް ދައުލަތާއި ބިންތައް ހަވާލު ނުކޮށްފި ނަމަ މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ.
ދައުލަތަށް ބިންކޮޅު ދޫކޮށްލަނީ ފްލެޓު ލިބުމުން ބިން ދޫކޮށްލާ ގޮތަށް އެއްބަސްވެފައިވާ މީހުންނެވެ. އެކަމަކު އޭގެ ތެރެއިން ޝަރުއީ މަރުހަލާ ފުރިހަމަ ނުކުރާ މީހުން ބުނަމުންދަނީ ފްލެޓު ލިބޭކަމުގެ ލިޔުން ލިބުނަސް ފްލެޓަށް ދިރިއުޅުން ބަދަލު ނުކުރެވެނީސް ބިން ކޮޅު ދޫކޮށްލައިފި ނަމަ އެމީހުން ވަންނާނެ ތަނެއް ނުހުންނާނެ ކަމަށެވެ.
އޭގެ ތެރޭގައި އަރަބިއްޔާ އާއި ގާކޮށި އިމާރާތުން ފްލެޓު ލިބުނު މީހުންގެ ބިންކޮޅުތައް ހިމެނެ އެވެ. އެކަމަކު އެމީހުންނަށް ފްލެޓަށް ވަދެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް