ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގެންނަވާ ހަބަރު އެމްޑީޕީން ދޮގުކޮށްފި އެވެ.
އެޕާޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސް ނަޝީދު ލަންކާއަށް ވަޑައިގަންނަވާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އަދި ލަންކާއަށް ވަޑައިގެން ފެބްރުއަރީ ދެވަނަ ދުވަހު ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރައްވާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އަދި ވިދާޅުވީ ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނަވާނަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން އެކަން ރަސްމީކޮށް މީޑިއާގައި ހާމަ ކުރައްވާނެ ކަމަށެވެ. އޮފިޝަލް މިހެން ވިދާޅުވިޔަސް އެންމެ ފަހުން ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވިކަން ރަސްމީކޮށް އެ އޮފީހުން ހާމަކޮށްފައި އެއް ނުވެ އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ފަކޮޅު ރައީސް ނަޝީދާއި އިދިކޮޅު އިއްތިހާދުގެ ވެރިން ލަންކާއަށް ކުރެއްވި ދަތުރުފުޅަކީ ވެރިކަން ބަދަލު ކުރުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރުމަށް ކުރެއްވި ދަތުރުފުޅެއްކަމަށް އޭރު އަޑުފެތުރުނެވެ. އެ ދަތުރުފުޅާއި ގުޅޭގޮތުން އޭރު ލަންކާ ސަރުކާރުން ބުނެފައިވަނީ ނަޝީދުގެ ދަތުރުފުޅުގެ ސަބަބުން އެއްވެސް ބަޔަކަށް ނުރައްކަލެއް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގަ ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެމަނިކުފާނު ހުންނެވީ ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން އެގައުމުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ. އަދި މިހާރު ގެންގުޅުއްވަނީ އިނގިރޭސި ޕާސްޕޯޓެކެވެ.
ސަރުކާރުން ވަނީ ނަޝީދުގެ ޕާސްޕޯޓު ބާތިލްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް