ހަށިގަނޑުގައި ސީރިއަސް ޒަހަމްތަކެއްހުރި ދެ އަހަރުގެ ކުއްޖަކު މަރުވެފައި އޮއްވާ ވ.ރަކީދޫން ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން މިއަދު 12:10 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި ފުލުހުންގެ ޓީމެއް ރަކީދުއަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.
ވ.ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވީ އެ ކުއްޖާއަށް ކަމެއް ދިމާވެގެން އުޅޭ ކަމުގެ މައުލޫމާތު ކައުންސިލަށް އެންގުމުން އެ ގެއަށް ދިޔަ އިރު އެ ކުއްޖާ އޮތީ މަރުވެފައި ކަމަށެވެ. ސާމީ ވިދާޅުވީ ކުއްޖާގެ ބޭރު ފުށުން ޒަހަމްތައް ފެންނަން ހުރި ކަމަށާއި، އެކުއްޖާ މިހާރު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުއްޖާގެ މަންމަވެސް އޮތީ ހޭނެތިފައި ކަމަށާއި އޭނާއަށް ރަކީދޫ ސިއްހީ މަރުކަޒުން ފަރުވާ ދެމުންދާ ކަމަށެވެ. އަދި ވިދާޅުވީ މަރުވެފައިވާ ކުޑަ ކުއްޖާގެ މަންމަ ދަރިފުޅަށް އަނިޔާ ކުރާ ކަމަށް ބުނާ މައްސަލައެއް މީގެ ކުރިން ފެންމަތިވެ އެ މައްސަލަ ޖެންޑާ މިނިސްޓްރީ އިންނާއި ފުލުހުން ބަލާފައިވާ ކަމަށެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރު އަބްދުﷲ ރަޝީދު ވިދާޅުވީ މަރުވި ކުޑަ ފިރިހެން ކުއްޖާ އުޅެނީ އެކުއްޖާގެ މަންމަ ކައިރީގައި ކަމަށާއި ކުރިންވެސް އެކުއްޖާއަށް އަނިޔާކުރާ މައްސަލަ ޖެންޑާ މެދުވެރިކޮށް ފުލުހުންނަށް ހުށަހެޅިކަމަށެވެ، އަދި އެ މައްސަލަ ބަލަމުންވެސް އަންނަ ކަމަށެވެ. އަދި އެ އަންހެން މީހާ ކުއްޖާއަށް އަނިޔާކުރާކަމަށް ފުލުހުންގާތު ކުރިން އެއްބަސްވެފައިވާކަމަށްވެސް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް