ކުރިއަށް އޮތް ފަސް އަހަރަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލެވުމުގެ މަސައްކަތް ފަށައިފި އެވެ.
އޭސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އެކްޝަން ޕްލޭން ތައްޔާރުކުރުުމުގެ މަސައްކަތްތައް ފަންނީ ގޮތުން ކުރިއަށް ގެންދަނީ ކޮމިޝަނުގެ ތެރެއިން ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީގެ އެހީތެރިކަމާ އެކު ކަމަށެވެ. އެ ޕްލޭން އެކުލަވާލުމުގައި މައިގަނޑު ތިން ދިރާސާއެއް ކޮށްފައިވެ އެވެ.
އޭސީސީން ކޮށްފައިވާ ދިރާސާތަކުގެ ތެރޭގައި އޯގަނައިޒޭޝަން އެސެސްމަންޓް، އައިއެފްއީއެސްގެ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ރިޕޯޓް، އެސެސްމަންޓް އޮފް ދަ އެންޓި ކޮރަޕްޝަން ކޮމިޝަން، ޔޫއެންއޯޑީސީގެ މިދިޔަ އަހަރު ޖޫންގެ ރިޕޯޓް އަދި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ނޭޝަނަލް އިންޓަގްރިޓީ ސިސްޓަމް އެސެސްމަންޓުގެ މިދިޔަ އަހަރުގެ ރިޕޯޓް ހިމެނެ އެވެ.
މި ދިރާސާތަކުގައި ފާހަގަކޮށް ލަފާދީފައިވާ ކަންތައްތަކަށް ބަލައި ކޮމިޝަން ހިންގުމުގެ ސިޔާސަތާއި ނިޒާމްތަކާއި އުސޫލުތަކާއި އަދި އިޖުރާއަތްތައް ހަރުދަނާކުރުމަށް ފަހު އެކްޝަން ޕްލޭންގައި ހިމަނާނެ ކަމަށް އޭސީސީން ބުންޏެވެ.
މި ސްޓްރެޓެޖީ އެކުލަވާލަނީ އެންޓި ކޮރަޕްޝަންގެ ގާނޫނު 2008 ވަނަ އަހަރު ތަސްދީގުކުރުމާ ގުޅިގެން އެކުލަވާލި ފުރަތަމަ އެކްޝަން ޕްލޭން 2013 ވަނަ އަހަރު ހަމަވެފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް