ށ. ޅައިމަގުން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުްނގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޅައިމަގުން 24 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަމުންދާކަން ރިޕޯޓު ކުރީ އިއްޔެ ހަވީރު 06:30 އެހާއިރު ކަމަށާއި އެވަގުތުން ފެށިގެން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމީހާ ގެއްލި ފައިވަނީ އެ އަތޮޅުގެ ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ފިރުނބައިދޫގައި މަސައްކަތް ކުރަން ގޮސް އުޅެނިކޮށް ކަމަށެވެ.
ފުލުހުން މިހާރު އޭނާ ހޯދުމަށް ފިރުނބައިދޫއަށް ގޮސް އެ ރަށް ބަލައި ފާސް ކުރަމުންދާކަމަށާއި، މިހާތަނަށް އޭނާގެ އެއްވެސް ހިލަމެއް ވެފައި ނުވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދަނީ ށ. ޅައިމަގު އާއިލާއަކަށް ނިސްބަތްވާ ދ. ކުޑަހުވަދޫ އަބްދުﷲ މާއިލް އެވެ.
މާއިލްގެ އާއިލާ އާއި ހަވާލާ ދީ ޅައިމަގުން ވާހަކަދެއްކި މީހަކު ދުވަހަށް ބުނީ، މާއިލް އެރަށަށް އައިސް އުޅޭތާ ދުވަސް ކޮޅެއް ވެއްޖެ ކަމަށާއި، އޭނާ ފިރުނބައިދޫގައި މަސައްކަތް ކުރަމުންދަނިކޮށް އާއިލާގެ މީހަކު ހިތްހަމަ ނުޖެހޭތީ ޅައިމަގަށް ގެނައީ ކަމަށެވެ. އަދި ފަހުން ފިރުނބައިދޫއަށް މަސައްކަތް ކުރަން ދާން ބޭނުންވެގެން އާއިލާގެ އިސް ފަރާތަކުން ހުއްދަ ދިނުމުން ދިޔައީ ކަމަށާއި އަނެއްކާވެސް އޭނާ ބަލާ ދިއުމުން އެރަށު ތެރެއަށް ވަދެ މާއިލް ފިލީ ކަމަށެވެ.
"މާއިލް އެރަށުގައި މަސައްކަތް ކުރާކަށް އޭނާގެ ބޭބެ ގަބޫލެއް ނޫން. އެހެންވެ ފުރަތަމަ ގޮސް މަސައްކަތް ކުރަން އުޅެނިކޮށް ގެނައީ. އަނެއްކާ އޭނަ ދާން ބޭނުންވެގެން މާމަ ހުއްދަ ދީގެން ދިޔައީ. ދިޔަކަން އެނގިގެން ބޭބެ އެންގީ ގެންދިޔަ މީހުންނަށް ބަލާދާން. ބަލާ ދިޔައީމަ ވަލުތެރެއަށް ވަދެ ފިލީކަމަށް ބަލާ ދިޔަ މީހުން ބުނީ،" ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނީ ފުލުހުންނާއި އެކު ޅައިމަގު ބަޔަކުވެސް އެރަށުގައި މާއިލް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފިރުނބައިދޫއަކީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް