ވައްކަމުގެ މައްސަލައެއްގައި ގޭ ބަންދަށް ހުކުމްކޮށްފައިހުރި މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މާފަންނުގައި ހުންނަ “ސްޕައި އެންޑް ޓެކް” މޯބައިލް ފިހާރަ ދޮރު ހަލާކުކޮށްލައިގެން ވަދެ އެފިހާރައިން ވައްކަން ކޮށްފައިވާ މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފޯނުތައް ހޯދާފައިވާކަމަށާއި އިއްޔެ ފަތިހު 04:00 އެހާކަންހާއިރު “ސްޕައި އެންޑް ޓެކް” ފިހާރައިން ވައްކަންކޮށްފައިވާކަމަށް ހުށަހެޅުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރ.މީދޫ/ބުލްބުލްގެ، އަޒްމީލް މުޙައްމަދު (40އ) ކަމަށެވެ.
"މި މައްސަލައިގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 5 ފޯނު ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
އަޒްމީލް މުޙައްމަދަކީ 2024 އޮކްޓޫބަރު 6 ވަނަ ދުވަހުގެ ވަގުތެއްގައި “ކްރޭވެސް ޓޭކްއަވޭ” ރެސްޓޯރަންޓުން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ކުށް ސާބިތުވެ ފަސް މަހާއި 22 ދުވަހަށް ގޭބަންދުކުރުމަށް މިއަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެއްކަމަށާއި އަދި އޭނާއަކީ މީގެކުރިން އެކި މައްސަލަތަކާ ގުޅިގެން 59 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ، މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ "ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން އަޒްމީލް މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް