އެކްސިޑެންޓްވި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އިހުމާލެއް އޮތްތޯ މިދަނީ ބަލަމުން: ފުލުހުން

ރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވުމުގައި ފުލުހުންގެ ވެހިކަލް ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގައި ބަލަމުން އަންނަ ކަމުގައި ފުލުހު...

27 Dec 2024 | 14:27

ރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވުމުގައި ފުލުހުންގެ ވެހިކަލް ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގައި ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ރޭގެ އެ އެކްސިޑެންޓާއި ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރޭ މެންދަމު 01:50 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ އުޅަނދެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާއިރު މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށެވެ.

"އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ސީރިއަސްވުމާ ގުޅިގެން މިހާރު ފަރުވާ ދެމުންދަނީ އައި.ޖީ.އެމް. ހޮސްޕިޓަލުގައި، މިވަގުތު އޭނާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާކަމަށް އައި.ޖީ.އެމް. ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެ އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ.

މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމާއި އެފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފުލުހުންގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ތެރެއިން ބަލަމުން އަންނައިރު އަދި މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އާޅާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް