އެކަނިވެރިކަން ދޫކޮށް ހެޔޮލަފާ މީހުންނާއެކު އުޅެ އެމީހުންގެ ނަސޭހަތަށް އެދޭނަމަ ދަތިކަމާ މާޔޫސްކަމުން ސަލާމަތްވާނެ: ޚުޠުބާ

ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވާނެ މޮޅު ގޮތެއް މިއަދު ހުކުރު ހުތުބާގައި ބުނެދީފިއެވެ. އެއީ އެކަނިވެރިނުވެ ހެޔޮލަފާ މީހުންނާއެކު އުޅެ އެމީޙުންގެ ވާހަކަތައް އަޑުއަހާ އެމީހުންގެ ނަސޭހަތްތަކ...

27 Dec 2024 | 07:33

ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވާނެ މޮޅު ގޮތެއް މިއަދު ހުކުރު ހުތުބާގައި ބުނެދީފިއެވެ. އެއީ އެކަނިވެރިނުވެ ހެޔޮލަފާ މީހުންނާއެކު އުޅެ އެމީޙުންގެ ވާހަކަތައް އަޑުއަހާ އެމީހުންގެ ނަސޭހަތްތަކގެ މަންފާ ހޯދުމެވެ.

މިއަދު ހުކުރު ޚުޠުބާގެ މައުލޫ އަކީ "ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން" މި މައުލޫއެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ހިތްދަތިކަމުގެ ޙާލަތުގައި ބައެއްފަހަރު ވަސްވާސްތަކާއި ވަހުމުތަކުގެ ޝިކާރައަކަށްވެ، އިންސާނާ ޝައިޠާނާގެ މަކަރުވެރިކަމުގެ ދަލުގައި ޖެހި، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލާކަމާއި މުސްލިމުންނާ ކުރިމަތިވާ ހިތާމައާއި ހިތްދަތިކަން ފިލުވުމަށް އެހީތެރިވާނެ ބައެއް ސަބަބުތަކަށް ބަލާއިރު، ދިމާވާ ކޮންމެ ކަމެއްގައި ވެސް  މާތް ﷲއާ ވަކީލުކުރުން ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

"ހިތްތަކަށް ހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ހެޔޮލަފާ މީހުންނާ އެކު އުޅުމާއި، އެމީހުންގެ ވާހަކަތައް އަޑުއަހައި، އެމީހުންގެ ނަސޭހަތްތަކުގެ ފައިދާހޯދުން ހިމެނޭ، މިފަދަ މީހުންނާއެކު މަޖިލިސްކުރުމަކީ ރަޙްމާނުވަންތަ ﷲ ރުހިވޮޑިގަންނަވާ ކަމެއް، އެހެންކަމުން އެފަދަ މީސްމީހުންގެ ނަސޭހަތުގެ މަޖިލިސްތަކުގައި ބައިވެރިވޭ، އެމީހުންގެ ކިބައިން ނަސޭހަތަށް އެދޭ" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ބުނެފައިވަނީ ވަކީން ޚާއްޞަކޮށް ކަންތައްތައް އުނދަގޫވެގެންދާ ހިނދުގައި ހެޔޮލަފާ މީހުންނާ އެކުވެއުޅުމަށް ތިމާގެ ނަފުސަށް ބާރު އަޅަންވާނެކަމަށާއި

ހިތްތަކަށް ހިތްހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާ މެދު ވިސްނައި ފިކުރުކޮށް އެ ފޮތް ކިޔެވުން ހިމެނޭކަމަށެވެ. މިއީ ހިތާމަތައް ފިލުވައި، ކަންބޮޑުވުންތަކާއި ހިތްދަތިކަން ދުރުކުރުމުގައި އެންމެ މަތިވެރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ކީރިތި ޤުރްއާން ކިޔެވުމުން އަޅާގެ ހިތަށް ހަމަޖެހުން ލިބޭކަމަށެވެ.

ހިތްހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި، ނިދުމުގެ ކުރިން ކުރާ ޒިކުރުތަކާއި، ދުވާލާއި ރޭގަނޑުގެ އެހެނިހެން ވަގުތުތަކުގައި ކުރާ ޒިކުރުތައް ހިމެނޭކަމާއި މި ޒިކުރުތަކުން މުސްލިމު އަޅާ، މާތް ﷲ ގެ ވާގިފުޅާއެކު، ޖިންނި ޝައިޠާނުންނާއި އިންސާނުންގެ ތެރެއިންވާ ޝައިޠާނުންގެ ނުބައިކަމުން ރައްކާތެރިވާކަމާއި އަދި އެ ޒިކުރުތަކުގެ މާނައާ މެދު ވިސްނައި، އޭގެ ނަތީޖާއާއި ފައިދާތައް ޔަޤީންކުރާ ނަމަ، އަޅާއަށް މާއްދީ އަދި މަޢުނަވީ ބާރު އިތުރުވާކަމުގައިވެސް ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް