މިރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި އިލެކްޓްރޯނިކް އާލާތްތައް ސީޒްކުރިކަން ފުލުހުން ހާމަކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުންގެ ތަރުޖަމާނު އޭސީޕީ ޝިފާން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައިގެ ތަޙްޤީގުގެ ބޭނުމަށް، އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު ދިރިއުޅޭތަން އަދި ސީއެފްއޯ ޔާސިރު އަށް ނިސްބަތްވާ 2 ތަނެއް، ބަލާފާސްކޮށް އިލެކްޓްރޯނިކް އައިޓަމްސް ސީޒްކުރެވިފައިވާނެ.
ދުވަހަށް އެނގިފައިވާގޮތުގައި ބަލާ ފާސްކުރީ މޫކޭ ދިރިއުޅޭ އެޕާޓްމަންޓް ގ. ދިލްކަޝް، 8 ވަނަ ފަންގިފިލާގެ އޭ، އަދި ޔާސިރަށް ނިސްބަތްވާ ވިނަރެސް ޓަވަރު 1 ބީގެ 12 ވަނަ ފަންގިފިލާގެ ހަވަނަ އެޕާޓްމަންޓްގެ އިތުރުން ހުޅުމާލެ ލޮޓެކެވެ.
ދަންވަރު އެއްގަޑިބަޔާއި ދެއަކާއި ދެމެދުގެ ވަގުތުގައި ފުލުހުން އެތަންތަން ބަލާ ފާސްކޮށްފައިވާއިރު މައުލޫމާތު ލިބިފައިވާގޮތުގައި އެ ރެއިޑްތަކަކީ އާރްޑީސީގެ އެކައުންޓުން އަމިއްލަ މީހުންގެ އެކައުންޓްތަކަކަށް ފައިސާ ޖަމާކުރި މައްސަލައިގެ ތަހުގީގާ ގުޅުންހުރި ރެއިޑްތަކެކެވެ. މި މައްސަލައަކީ ފުލުހުން ބަލަމުން އަންނަތާ އަހަރަކަށްވުރެ ގިނަދުވަސްވެފައިވާ މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް