ޓިކްޓޮކް ހަރާމް ކަމަށް ޕާކިސްތާނުގައި ފަތުވާއެއް ނެރެފި

ޕާކިސްތާނުގެ ވެރިރަށް ކަރާޗީގެ ސިންދް ޕްރޮވިންސްގެ މަޝްހޫރު ދީނީ މަދަރުސާއެއް ކަމަށްވާ ޖާމިއާ ބިނޯރިއާ ޓައުންއިން، ޓިކްޓޮކް ބޭނުންކުރުމަކީ ގާނޫނާ ހިލާފު އަދި ހަރާމް ކަމެއް ކަމަށް ކަނޑައަޅައި ފަތުވާއެއ...

27 Dec 2023 | 16:47

ޕާކިސްތާނުގެ ވެރިރަށް ކަރާޗީގެ ސިންދް ޕްރޮވިންސްގެ މަޝްހޫރު ދީނީ މަދަރުސާއެއް ކަމަށްވާ ޖާމިއާ ބިނޯރިއާ ޓައުންއިން، ޓިކްޓޮކް ބޭނުންކުރުމަކީ ގާނޫނާ ހިލާފު އަދި ހަރާމް ކަމެއް ކަމަށް ކަނޑައަޅައި ފަތުވާއެއް ނެރެފިއެވެ.

މި ފަތުވާގައި އެ މުއައްސަސާއިން ނިންމުން ނިންމާފައިވާ ދިހަ ސަބަބެއް ބަޔާންކޮށްފައިވެއެވެ.

ޑޯން ނިއުސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެ ކުރިން ވެސް ޕާކިސްތާނުގެ ދީނީ އިލްމުވެރިން ގެންދަނީ ޓިކްޓޮކް މަނާކުރުމަށް ގޮވާލަމުން ކަމަށާއި ޕާކިސްތާނުގައި ވެސް ތަކުރާރުކޮށް ޓިކްޓޮކް މަނާކޮށްފައިވާ ކަމަށެވެ.

ޖާމިއާ ބިނޯރިއާއިން އޮންލައިންކޮށް އާއްމުކުރި ފަތުވާގައި ބުނެފައިވަނީ ޓިކްޓޮކަކީ މިޒަމާނުގައި ފިތުނައެއްގެ ގޮތުގައި ފެތުރެމުންދާ ނުރައްކަލެއް ކަމަށާއި ޝަރީއާގެ ނަޒަރުގައި އެއީ ގާނޫނާ ހިލާފު އަދި ހަރާމް އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.

ސަބަބުތަކުގެ ތެރޭގައި ޖަނަވާރުންގެ ފޮޓޯ އާއި ވީޑިއޯ ތައް އެޕްލިކޭޝަނުގައި ހިމެނުމަކީ ޝަރީއާގައި މަނާކަމެއް ކަމެއްކަމަށާއި، އެ ޕްލެޓްފޯމްގައި އަންހެނުން ހުތުރު ވީޑިއޯތައް އުފައްދައި ފެތުރުންފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޓިކްޓޮކްގައި އަންހެނުންނާއި ފިރިހެނުން، ހުތުރުކަންކަން ކުރުމާއި އެކަންކަން ފެތުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމާއި، ވަގުތު ބޭކާރުކޮށް، އަޚްލާގީ ގޮތުން ހަލާކުވުމަށް މަގުފަހިވާ ގޮތަށް ނަށާ، ލަވަކިޔުން ހިމެނޭ ވީޑިއޯތައް ހެދުމަކީ ވެސް ފަތުވާގައި ކުށްވެރިކުރާ ކަމެކެވެ. ޖާމިއާ ބަނޯރިއާގެ ފަތުވާގައި ފާހަގަކޮށްފައިވާ ގޮތުގައި ޓިކްޓޮކްގައި ހިމެނެނީ ހަމައެކަނި އިލްމުވެރިންނަށާއި ދީނަށް ފުރައްސާރަކުރާ ވީޑިއޯތަކެއް ނޫން ކަމަށާއި އެއީ ކޮންމެ ކަމަކަށް ވެސް ފުރައްސާރަކޮށް ފުރައްސާރަ ކުރެވޭނެ ޕްލެޓްފޯމެއް ކަމަށެވެ.

ފަތުވާގައި އިތުރަށް ބުނެފައިވަނީ ޓިކްޓޮކް ބޭނުންކުރުމާއި އެކަމުގައި ވަގުތު ހޭދަކުރުމަކީ  ޝަރީއާގައި ހަރާމްކޮށްފައިވާ ފާފަތަކަށް އަރައިގަތުމަށް މަގުފަހިވާނެ ކަމެއްކަމަށާއި އެކަމުގެ ސަބަބުން އެފަދަ ކުށްތަކަށް އަރައިނުގަނެ ތިބުމަކީ ނާދިރު ކަމެއްކަމަށެވެ. އެހެންކަމުން ޓިކްޓޮކް ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އެ ފަތުވާގައި ވަނީކަނޑައަޅައިފައެވެ.

މޯބައިލް އަދި ޑިޖިޓަލް އެނަލިޓިކްސް ފާމެއް ކަމަށްވާ ސެންސަރ ޓަވަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޗައިނާގެ ބައިޓްޑާންސްގެ ހިއްސާ އޮންނަ ޓިކްޓޮކް 2022 ވަނަ އަހަރު އެކަނިވެސް 39 މިލިއަނަށްވުރެ ގިނަ މީހުން ޑައުންލޯޑްކޮށް ބޭނުންކުރަމުން ދެއެވެ.

ޓިކްޓޮކް އެޕްލިކޭޝަން މަނާކޮށްދިނުމަށް އެދި ލާހޯރު ހައި ކޯޓަށް މި އަހަރުގެ ކުރީކޮޅު ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ. މި ޕެޓިޝަންގައި ވަނީ މި ޕްލެޓްފޯމްގެ ސަބަބުން މުޖުތަމައުގެ ޒުވާނުންނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ ކަންބޮޑުވުންތައް ފާހަގަކޮށް، ފިޔަވަޅު އެޅުމަށް އެދި ގިނަބަޔަކު އެދެމުންދާކަމަށް ބުނެފައެވެ.

2021 ވަނަ އަހަރު ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ވަނީ ޖުލައި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ޓިކްޓޮކް ފަސް މަސް ދުވަހަށް މަނާކޮށްފައެވެ. އެކްސްޕްރެސް ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މަނާ އުވާލީ އެ ޕްލެޓްފޯމްގައި ހުތުރު ނުވަތަ ނާތަހުޒީބު ކޮންޓެންޓް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިތުރުކުރާނެ ކަމުގެ ޔަގީންކަން ޓިކްޓޮކުން ދިނުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް