ލ.ގަމުގައި އަޅަން ނިންމި ކެންސަރ ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމި ނިންމުމާމެދު ގަމު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ލ.ގަމުގައި ކުރީ ސަރުކާރުން އަޅަން ނިންމި ކެންސަރ ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން އަދުގެ ސަރުކާރުން ނިންމެވި ނިންމެވުމާ މެދު ލ.ގަން ކައުންސިލް އިދާރާއާއި އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވ...

27 Dec 2023 | 12:20

ލ.ގަމުގައި ކުރީ ސަރުކާރުން އަޅަން ނިންމި ކެންސަރ ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން އަދުގެ ސަރުކާރުން ނިންމެވި ނިންމެވުމާ މެދު ލ.ގަން ކައުންސިލް އިދާރާއާއި އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ލ.ގަން ކައުންސިލް އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހައްދުމަތީ ގަމުގައި ނިމިދިޔަ ސަރުކާރުން ލ.ގަމުގައި ކެންސަރ ހޮސްޕިޓަލެއް ޤާއިމްކުރުމަށް ނިންމި ނިންމެވުން ވެގެންދިޔައީ އެރަށުގައި ދިރިއުޅޭ ފަރާތްތަކާއި މުޅި އަތޮޅުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށް ކަމަށެވެ. އަދި އެ ސަރުކާރު ނިމުނުއިރު ކެންސަރ ހޮސްޕިޓަލް އިމާރާތްކުރާ ބިން ހަމަޖައްސަވާ، އެތަނުގައި ހުރި ރުށްގަހުގެ ބަދަލު ހަމަޖައްސަވާ، މަސައްކަތް ފެށުމުގެ މަރުހަލާގައި އޮތްކަމުން، ލ.ގަމުގެ ރައްޔިތުންނާއި ކައުންސިލުން އުންމީދު ކުރަމުން ދިޔައީ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޒައާމަތުގައި ކުރިއަށްވުރެ ބާރުމިނުގައި އެ ހޮސްޕިޓަލުގެ މަސައްކަތް ފެށި ކުރިއަށް ގެންދަވާނެ ކަމަށެވެ.

ނަމަވެސް، ލ.ގަމާއި އެ އަތޮޅުގެ ރައްޔިތުން އުންމީދުކުރި ގޮތާ ޚިލާފަށް އަދުގެ ސަރުކާރުން ވަނީ ކެންސަރ ހޮސްޕިޓަލް މާލެއަށް ބަދަލުކުރުމަށް ނިންމާފައެވެ. މި ނިންމެވުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ލ.ގަމު ކައުންސިލުން ބުނީ އެ ކައުންސިލުން ޤަބޫލުކުރާ ގޮތުގައި އާބާދީ ތޮށްޖެހިފައިވާ މާލެ ފަދަ ސަރަހައްދަކަށް ކެންސަރ ހޮސްޕިޓަލް ބަދަލުކުރުމަކީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ހުރި ނުރައްކަލެއް ކަމަށެވެ.

ކެންސަރަށް ދެވޭ ފަރުވާއަކީ ނުރައްކާތެރި ކެމިކަލް ހިމެނޭ ފަރުވާއަކަށް ވާތީ، އެފަދަ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅެވޭނެ ވަސީލަތް ޤާއިމްކުރުމުގައިވެސް ލ.ގަން ފަދަ ބިންބޮޑު ރަށެއް މުހިންމު ކަމަށް ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނީ އެކަންކަން އެހެން ހުރުމާއެކުވެސް ކެންސަރ ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމެވި ނިންމެވުމަކީ ލ.ގަމުގެ ރައްޔިތުންނާއި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް