ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ އެކުވެރިކަން ކަމަށާއި އެކުވެރިވުމުން އަމާންކަމާއި އިތުބާރު ލިބިދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަރުބާރުގޭގައި ރޭ ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހިރައްޔިތުން އެދެނީ އެކުވެރިކަމާއި ތަރައްޤީއާއި އަވަސް ކުރިއެރުންތަކަށް ކަމަށާއި ވިޔަފާރިއާއި އެހެނިހެން ކަންކަމުގެ ގުޅުންތައް ހަރުދަނާވެ، އުންމަތްތައް ކުރިއަރާދާނީ އެކުވެރިކަމުގެ ގުޅުމުގެ މަތިން ކަމަށެވެ.
އަދި، ޤައުމެއްގެ މިސާލަކީ އާއިލާއެއްގެ މިސާލުކަމަށާއި އާއިލާއަކުން އަބަދު ވެސް އެ މީހުންގެ ގޯތި ގެދޮރާއި މުދަލުގެ ސަލާމަތާ މެދު ވިސްނާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އާއިލާއެއް އަބަދުވެސް ގޭތެރޭގެ ހަމަޖެހުމާއި ކުލުނާއި ލޯބި އިތުރުވާނެ ގޮތަށް ކަންކަން ކުރައްވާކަމަށެވެ.
އާއިލާއެއް އަބަދުވެސް ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން އަދި ޞިއްޙީ ގޮތުންނާއި އިޤުތިޞާދީ ގޮތުން އެ އާއިލާއެއްގެ ކުދިން މޮޅުކުރަން ބޭނުންވެ، އެކަމަށްޓަކައި މަސައްކަތް ވެސް ކުރައްވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ޤައުމެއްވެސް ދެމި އޮންނާނީ މި ގޮތުން ކަމަށެވެ.
"ޤައުމެއް ފިކުރީ ގޮތުން ފުދުންތެރިވާންޖެހޭ. ޢިލްމީ ގޮތުން ހޭލުންތެރިވާންޖެހޭ. އިޤުތިޞާދީ ގޮތުން ފޯރުންތެރިވާންޖެހޭ. ހުނަރުގެ ގޮތުން އުފެއްދުންތެރިވާންޖެހޭ. މި ހުރިހައި ބަހާތަކަކާއެކު ޤައުމީ ގޮތުން އެއްބައިވަންތަ ވާންޖެހޭ. ކުލުނުވެރިކަމާއި އިޙްސާންތެރިކަމާއި އިޚްލާޞްތެރިކަން ރައްޔިތުންގެ ކިބައިގައި ހަރުލާންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ އެއް ޤައުމެއް އަދި އެއް ބައެއް ކަމަށެވެ. ދިވެހީންގެ މާޒީ ދިވެހީންނަށް ދިނީ މި ފިލާވަޅު ކަމަށާއި އެއްބައިވަންތަކަމުގެ ދުވަހު އެންމެންވެސް ޢަމަލީ ގޮތުން ދަސްކުރީ އަދި އުނގެނުނީ މި ފިލާވަޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެއްރޫޙެއްގައި އެއް ޢަޒުމެއްގައި ދެމިތިބި ތިބުން ދަމަހައްޓަވާ، އެކަމަށްޓަކައި މިއީ އެއްބައިވަންތަ އެކުވެރި ޤައުމެއްކަން ހަމަ ކޮންމެ ދިވެއްސަކު ބަހާއި ޢަމަލުން ސާބިތުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް