މިއަދުގެ މޫސުމަށް ބަލައިލާއިރު މިއަދު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދުގެ އިރުއޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
"ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގައި ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.
ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދުރާއްޖޭގައި ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދު އަދި ދެކުނުގައި ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް