އަހްމަދު މުހައްމަދު ވަހީދު އާއްމު ނަމުން ނަމަ މަހޭ އަކީ ސުނާމީ ރާޅުގެ ތިރީގައިވާ ވީޑިއޯ އޭނާގެ ކެމެރާގެ ލެންސުން ރައްކާކުރި ފަރާތެވެ. އެދުވަހު އެ ވީޑިއޯ ނެގުނު އިރު ކަންތައްތައް ހިނގިގޮތުގެ ވާހަކަ ދުވަހަށް ހިއްސާކުރަމުން މަހޭ ބުނެފައިވަނީ އެއީ ނަގަން ގަސްތުކޮށްގެން ނެގި ވީޑިއޯއެއް ނޫންކަމުގައެވެ.
އަހުމަދު މުހައްމަދު ވަހީދު އޭރު މަސައްކަތް ކުރީ ކަނދޮޅުދޫ ސުކޫލްގެ ވަގުތީ ޓީޗަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް ޑިސެމްބަރަކީ ބޮޑު ޗުއްޓީ ކަމުން މަސައްކަތް ކުރީޕްރިންޓްކުރުމާއި ގޮޓޯނެގުންފަދަ ކަންކަމުގައެވެ.
https://www.youtube.com/watch?v=7nNHtRrMes4
ދުވަހަށް މަހޭ ކިޔައިދިން ގޮތުގައި ސުނާމީ އެރި ދުވަހުގެ ހެނދުނު ހޭލީ އާދަޔާ ޙިލާފަށް އުދަ އަރާކަމުގެ ޙަބަރު ދޭން އޭނާގެ މަންމަ ގޮވުމުންނެވެ. އެގޮތުން ލޮނުގެ އަސަރު ގެއަށް ކޮށްފައި ހުރުމުގެ ސަބަބުން މަންމަޔަށް އެހީވުމަށްފަހު ރަށުގެ ހާލަތު ބަލާލުމަށް ރަށުގެ ވާޓަރު ދަށަށް ދިޔަ މަގުމަތީގައި އޭނާގެ ސްޓޫޑިއޯ އަށް ލޮނުވަދެފައިވޭތޯބެލުމަށް ވަދެ ކެމެރާ ނެގީ ކެމެރާއަށް އެއްވެސް އަސަރެއް ކޮށްފައިނެތުމުން ކަމަށް މަހޭ ކިޔައިދިނެވެ.
ކަނދޮޅުދޫ ސުކޫލާއި ހޮސްޕިޓަލަކީ އެރަށު ބަނދަރާއި ކައިރީގައި ހުރި ތަންތަން ކަމުގައި ފާހަގަކުރަމުން ދެވަނަ ރާޅުގެ ވާހަކަ ހިއްސާ ކުރިއެވެ. އެގޮތުން ރާޅު އަންނަތަން ފެނިގެން ދުވެފައިދިޔަ އަންހެނަކު، އެތަނުގައި ކޮޅަށް ނުހުރެވޭނެކަމުގައި ގޮވި ހަނދާނުގެ ވާހަކަވެސް ހިއްސާކުރިއެވެ. އަދި ވީޑިއޯ ނެގުނީ 12 ފޫޓަށްވުރެ އުހަށް ހުރި އެރާޅުގެ ތެރެއިން އަމިއްލަނަފްސު ސަލާމަތްކުރުމަށް އުޅުނު ވަގުތު ކެމެރާއަށް ފިތި ވީޑިއޯއަށް ޖެއްސިފައި އިނުމުން ކަމުގައިވެސް ބުންޏެވެ. އަދި އޭރު ބަނދަރު ކައިރީ ހުރެވުނީ ފުރަތަމަ ރާޅަށް ފަހު ޗުއްޓީ ނަމަވެސް ސުކޫލްގެ ހާލަތު ބަލާލުމަށް ގޮސް ނިކުތް ތަނުންކަމުގައިކަން ފާހަގަކުރިއެވެ.
ޑިސެމްބަރު 26 ސިފަކުރަމުން މަހޭ ބުނެފައިވަނީ އެދުވަހު ކުރެވުނީ ވަރަށް އެހެންކަހަލަ އިހުސާސެއްކަމަށާއި އެންމެ ފުރަތަމަވެސް ހަނދާންވީ ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމުގެ މަތިންކަމަށެވެ. އެއަށްފަހު އާއިލާ އާއި ރައްޓެހިންގެ ހާލުގެ މަތިން ހިތައް އެރުމާއެކު ވަރަށް ދެރަވިކަމުގައިވެސް ބުންޏެވެ.
މަހޭ އެދުވަހު ރަށުގައި އުފެދުނު ޒުވާނުންގެ ކުޑަ ޓީމަކާއެކު ރަށުގެ ރައްޔިތުން ސަލާމަތްކުރުމާއި ރަށުން ފޭބުމަށް އެހީތެރިވުމިގައި ހަރަކާތްތެރިވި ވާހަކަތައްވެސް ދުވަހަށްކިޔައިދިނެވެ. އޭގެ އިތުރުން އެދުވަހު ރަށު ރައްޔިތުންނާއި ރ އަތޮޅުގެ އެހެން ރަށްރަށުގެ މީހުންގެ ކިބައިން ފެނުނު އެއްބައިވަންތަކަމާއި އަޙުވަންތަކަން މަހޭ ފާހަގަކުރިއެވެ.
ސުނާމީގެ ރާޅުގެ އަގުނުކުރެވޭ މި ފޮޓޮއާއި އެވީޑި ނެގި ފަރާތަކީ ކަނދޮޅުދޫ އަހްމަދު މުހައްމަދު ވަހީދެވެ. އަހްމަދު މުހައްމަދު މިހާރު މަސައްކަތް ކުރަމުން ދަނީ ރ.އަތޮޅު މަދަރުސާގެ މުދައްރިސެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް