ބީއެމްއެލުން ނުކުޅެދުންތެރިކަން ހުންނަ 33 މީހަކަށް މޮޓަރައިޒްޑް ވީލް ޗެއާ ހަދިޔާ ކުރަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 33 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފ...

27 Dec 2022 | 13:37

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 33 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ބީއެމްއެލުން ބުނީ މި ވީލްޗެއާ ތަކާއެކު، 2017 ވަނަ އަހަރުން ފެށިގެން ބޭންކުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 200 އަށް ވުރެ ގިނަ ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި އެހީތެރިކަންފޯރުކޮށްދެވިފައިވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހިތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލުން އަބަދުވެސް ވަރަށް ބޮޑު އަހައްމިޔަތުކަމެއްދޭ ކަމެއް ކަމަށެވެ.

އަދި ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ގޮތުގައި މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވކަމަށެވެ.

މީގެ އިތުރުން ބީއެމްއެލްގެ ސީއީއޯ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް ބީއެމްއެލްގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވަމުން ކަމަށެވެ.

މިގޮތުން ދާދި ފަހުން ބޭންކުންވަނީ 10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައި ކަމަށާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ގުޅިގެން ބޭންކުން ވަނީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ހިންގާފައި ކަމަށް ބީއެމްއެލުން ބުނެފައި ވެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ މިއަހަރު ކުރީކޮޅު ބޭންކުންވަނީ އެ އެސޯސިއޭޝަނުން ތައްޔާރުކުރަމުންދާ އޮންލައިން ޑިކްޝަނަރީ އެއް އުފެއްދުމުގެ މަސައްކަތަށްވެސް އެހީތެރިކަންފޯރުކޮށްދީފައި ކަމަށެވެ.

އަދި ދާދިފަހުން ބޭންކުންވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތް ޑިސަބިލިޓީސް އަށްވެސް އެހީތެރިކަންފޯރުކޮށްދީފައި ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް