އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓު ނަންބަރު ތަރުތީބު ކޮށްފި

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި ފާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް  މުހައްމަދު ޞާލިހްގެ ކެންޑިޑެންސީ ބަލައިގަނެ، ކެންޑ...

27 Dec 2022 | 11:55

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި ފާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް  މުހައްމަދު ޞާލިހްގެ ކެންޑިޑެންސީ ބަލައިގަނެ، ކެންޑިޑޭޓް ނަންބަރު އެޕާޓީން މިއަދު ތަރުތީބުކޮށްފިއެވެ.

އެމްޑީޕީން މިއަދު ބުނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަށްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައިވަނީ މިއަދު ކަމަށެވެ.

އެގޮތުން އެމްޑީޕީން ބުނީ ކެންޑިޑޭޓް ނަންބަރު އެކެއް ރައީސް މުހައްމަދު ނަޝީދަށް ލިބިފައިވާއިރު ކެންޑިޑޭޓް ނަންބަރު ދޭއް ލިބިވަޑައިގަތީ ރައީސް ޞާލިޙަށް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މި ޕްރައިމަރީ ވެގެންދާނީ ފަހުގެ ތާރީޚެއްގައި އެމްޑީޕީގައި ބޭއްވޭ އެންމެ ވާދަވެރި ޕްރައިމަރީއަށެވެ.

އެމްޑީޕީން ވަނީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެޕާޓީގެ ޓިކެޓު ދިނުމަށް ބާއްވާ ޕްރައިމަރީއަށް އެކުލަވައިލަންޖެހޭ ފަސް މެންބަރުންގެ އިންތިހާބު ކޮމިޓީ އެކުލަވާލައިފިއެވެ. ޕްރައިމަރީ ކޮމިޓީ އެކުލަވާލާފައި ވަނީ ރައީސް ނަޝީދު ފެކްޝަނުން ހުށަހެޅި ގޮތަށް ތަރުހީބެއް ނުލިބިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އޮންލައިންކޮށްވެސް ފޯމު ހުށަހެޅޭ ގޮތަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު4:00 ގައި އެވެ.

އެމްޑީޕީން މީޑިއާގައި ބުނީ ވަގުތު ހަމަވިއިރު ފޯމު ހުށަހެޅި އެ ދެބޭފުޅުން ކަމަށެވެ. ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ފޯމު ހުށަހަޅުއްވައިފައެވެ.

އެމްޑީޕީން ބުނީ ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ. ޕްރައިމަރީގައި ވާދަ ކުރަން ފޯމު ހުށަހަޅަން ޖެހެނީ 500 މީހުންގެ ސޮޔާއި އެކުއެވެ.

ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނަޝީދު ފޯމު ހުށަހެޅުއްވީ އޮންލައިންކޮށެވެ. އަދި ތާއީދު ފޯމުގެ އަދަދު ހާމައެއް ނުކުރެއެވެ.

ރައީސް ޞާލިހު ޕްރައިމަރީގައި ވާދަ ކުރައްވަން ފޯމު ހުށަހެޅުއްވީ 11،000 މީހުންގެ ތާއީދު ފޯމާއި އެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް