ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޚާއްސަ ކެމްޕެއިން ޖަލްސާއެއް "ފިކުރެއްގެ ދިރުން" ނަމުގައި ސަލްޓަންޕާކުގައި ބާއްވަން ނިންމައިފިއެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެމްޕޭން ކުރައްވަނީ "ފިކުރެއްގެ ދިރުން" މި ޝިއާރުގެ ދަށުންނެވެ.
އެގޮތުން ރައީސް ނަޝީދު ސަލްޓަންޕާކުގައި ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ބާއްވާނީ މާދަމާރޭ 08:30 ގައި ކަމަށް އެ މަނިކުފާނުގެ ކެމްޕޭނު ޓީމުން ހާމަކުރެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މި ޕްރައިމަރީ ވެގެންދާނީ ފަހުގެ ތާރީޚެއްގައި އެމްޑީޕީގައި ބޭއްވޭ އެންމެ ވާދަވެރި ޕްރައިމަރީއަށެވެ.
https://twitter.com/Anni_2023/status/1607287211929800709
އެމްޑީޕީން ވަނީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެޕާޓީގެ ޓިކެޓު ދިނުމަށް ބާއްވާ ޕްރައިމަރީއަށް އެކުލަވައިލަންޖެހޭ ފަސް މެންބަރުންގެ އިންތިހާބު ކޮމިޓީ އެކުލަވާލައިފިއެވެ. ޕްރައިމަރީ ކޮމިޓީ އެކުލަވާލާފައި ވަނީ ރައީސް ނަޝީދު ފެކްޝަނުން ހުށަހެޅި ގޮތަށް ތަރުހީބެއް ނުލިބިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އޮންލައިންކޮށްވެސް ފޯމު ހުށަހެޅޭ ގޮތަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު4:00 ގައި އެވެ.
އެމްޑީޕީން މީޑިއާގައި ބުނީ ވަގުތު ހަމަވިއިރު ފޯމު ހުށަހެޅި އެ ދެބޭފުޅުން ކަމަށެވެ. ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ފޯމު ހުށަހަޅުއްވައިފައެވެ.
އެމްޑީޕީން ބުނީ ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ. ޕްރައިމަރީގައި ވާދަ ކުރަން ފޯމު ހުށަހަޅަން ޖެހެނީ 500 މީހުންގެ ސޮޔާއި އެކުއެވެ.
ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނަޝީދު ފޯމު ހުށަހެޅުއްވީ އޮންލައިންކޮށެވެ. އަދި ތާއީދު ފޯމުގެ އަދަދު ހާމައެއް ނުކުރެއެވެ.
ރައީސް ޞާލިހު ޕްރައިމަރީގައި ވާދަ ކުރައްވަން ފޯމު ހުށަހެޅުއްވީ 11،000 މީހުންގެ ތާއީދު ފޯމާއި އެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް