ޓުނީޝާ އާއި ރުޅިވީ ދީނީ ކަންތަކުގައި ބިރުން ކަމަށް ޝީޒަން ބުނެފި

އިންޑިއާގެ ޓިވީ ޗެނަލް، ސޮނީ ސަބުން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާއެއް ކަމަށްވާ “އަލީ ބާބާ- ދާސްތާން އޭ ކާބުލް” ގެބަތަލް ޝީޒަން މުހައްމަދު ހާން، އެ ސިލްސިލާގެ ބަތަލާ ޓުނީޝާ ޝަރްމާ އާއި ރުޅިވީ ބިރުން ...

27 Dec 2022 | 08:10

އިންޑިއާގެ ޓިވީ ޗެނަލް، ސޮނީ ސަބުން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާއެއް ކަމަށްވާ “އަލީ ބާބާ- ދާސްތާން އޭ ކާބުލް” ގެބަތަލް ޝީޒަން މުހައްމަދު ހާން، އެ ސިލްސިލާގެ ބަތަލާ ޓުނީޝާ ޝަރްމާ އާއި ރުޅިވީ ބިރުން ކަމަށް ބުނެފި އެވެ.

އެ ޑްރާމާ ސިލްސިލާގެ ސެޓުގައި ޝީނީޒްގެ މޭކަޕް ރޫމްގައި ޓުނީޝާ ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ އެވެ. އޭނާ މަރުވެފައި ހުއްޓަ ފެނުނީ ޝޫޓިންގެ މެދު ތެރެއިން ފާހާނާއަށް ގޮސް އަންނާނެ ކަމަށް ބުނެ ދިޔަ ގޮތަށް ނައިސްގެން ހޯދަމުން ދަނިކޮށެވެ.

މި މައްސަލައިގަ ޓުނީޝާ މަންމަ ފުލުހުންނަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން ޝީޒަން ވަނީ މިމަހުގެ 25 ވަނަ ދުވަހު މުމްބާއީ ފުލުހުން ހައްޔަރުކޮށްފައި އެވެ. އޭނާ މާދަމާގެ ނިޔަލަށް މުއްދަތު ޖަހާފައިވެ އެވެ.

ޓުނީޝާ މަންމަ ބުނީ ޓުނީޝާ ޑިޕްރެޝަންއަށް ދިޔައީ މަރުވުމުގެ 15 ދުވަސް ކުރިން ޝީޒަން އޭނާ އާއި ރުޅިވުމުން ކަމަށެވެ. އަދި ޓުނީޝާ މަރުވީ ޝީޒަން މަޖުބޫރު ކޮށްގެން ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފައިވެ އެވެ.

ފުލުހުންނަށް ޝީޒަން ދިން ބަޔާނުގައި ބުނީ އޭނާ ޓުނީޝާ އާއި ރުޅިވީ މިދިޔަ މަހު އިންޑިއާ ސިއްސުވާލި ޝްރައްދާ ވަލްކާގެ މަރުގެ މައްސަލައިގަ މުސްލިމް ފިރިހެނަކު ހައްޔަރު ކުރި މައްސަލައިގަ ބިރުން ކަމަށެވެ. އަދި ދެމީހުން ދެ ދީނަށް ވުމަކީ އޭނާ ޓުނީޝާ އާއި ރުޅިވި ދެވަނަ ސަބަބު ކަމަށް ބުންޏެވެ.

ތިން ވަނަ ސަބަބު ކަމަށް ބުނީ އުމުރުގެ ތަފާތު ބޮޑުވުމެވެ. ޝީޒަންގެ އުމުރުން 28 އަހަރުވެފައިވާއިރު ޓުނީޝާގެ އުމުރުން 20 އަހަރެވެ.

ޝީޒަންގެ ބަޔާނުގެ އެ ބަޔާއި ގުޅިގެން ޓުނީޝާގެ ބޮޑު ބޭބެ ބުނީ ދެމީހުން ރައްޓެހިވި އިރު އުމުރާއި ޝީޒަން އަކީ މުސްލިމެއް އަދި ޓުނީޝާ އަކީ ހިންދޫއެއްކަން ނޭނގި ނުހުންނާނެ ކަމަށެވެ. ދީން ތަފާތު ވުމުން އުޅެން ބޭނުން ނުވާ ނަމަ ފުރަތަމަ ދެ މީހުން ރައްޓެހިވެގެންވެސް ނުވާނެ ކަމަށް ބުންޏެވެ.

އޭނާ ބުނީ ޝީޒަނަށް އެކަމުން ރެކެވެން ނެތް ކަމަށާއި ދެމީހުން ރުޅިވި ކަމަށް ބުނާއިރު މަރުވި ދުވަހުގެ މެންދުރުވެސް ޝީޒަންގެ މޭކަޕް ރޫމްގައި ދެމީހުން އެއްކޮށް މެންދުރު ކާން ތިބިތަން އެ ސިލްސިލާގެ ކްރޫއިންނަށް ފެނިފައިވާކަން ފުލުހުންނަށް ދިން ބަޔާންތަކުގައި ބުނެފައިވާ ކަމަށެވެ.

ޓުނީޝާ އާއި ޝީޒަން ލީޑްރޯލުން ފެނިގެން ދާ ސިލްސިލާ “އަލީ ބާބާ” އަކީ މިއަހަރުގެ އޮގަސްޓު މަހު ފެށި ސިލްސިލާއެކެވެ. މިހާތަނަށް ގިނަ ބަޔަކަށް އެ ސިލްސިލާ ކަމު ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް