ރޮނާލްޑޯ ބާކީ ކޮށްލީ އޭނާ ފަލަސްޠީނު ރައްޔިތުންގެ ހައްގުގައި ބަސް ބުނެ އެހީތެރިކަން ފޯރުކޮށްދޭތީ - އުރުދުޣާން

ދުނިޔޭގެ ފުޓްބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިވަގުތު ދިމާވެގެން އުޅޭ އެންމެ ބޮޑު އެއް މައްސައަކީ އޭނާ މުސްލިމް ގައުމުތަކު...

27 Dec 2022 | 06:33

ދުނިޔޭގެ ފުޓްބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިވަގުތު ދިމާވެގެން އުޅޭ އެންމެ ބޮޑު އެއް މައްސައަކީ އޭނާ މުސްލިމް ގައުމުތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ވަމުން އަންނަ އެހީތެރިކަން ކަމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ އެރްޒުރަމް ޕްރޮވިންސްގައި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ ރޮނާލްޑޯއަށް މިވަގުތު ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުންނާއި އަދި އެހެނިހެން އިސްލާމީ ގައުމުތަކުގެ މުސްލިމުންނަށް ވަމުން އަންނަ އެހީތެރިކަމުގެ ސަބަބުން ސިޔާސީ ގޮތުން ކުރިމަތި ކުރުވާ ހުރަހެއް ކަމަށެވެ.

އެންމެ ފަހުން ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ޓީމުން ރޮނާލްޑޯއަށް ފުރުސަތު ދީފައި ނުވާތީ އެކަން ފާހަގަ ކުރައްވާ އުރުދުޣާން ވިދާޅުވީ އެއީ ސިޔާސީ ގޮތުން ކުރިމަތި ކުރުވާ ފިއްތުންތަކެއް ކަމަށާއި އެ މީހުން ވަނީ ރޮނާލްޑޯ ބޭކާރުކޮށްލާފައި ކަމަށެވެ. އަދި މިއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން އިތުރަށް ވިދާޅުވީ ރޮނާލްޑޯ އަކީ މުޅި ދުނިޔެވެސް ގަބޫލުކުރާ ފެންވަރުގެ މޮޅު ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އެކަމާއި މެދު ދުނިޔޭގެ އެއްވެސް މިހަކު ސުވާލު އުފައްދަން ނުޖެހޭނޭ ކަމަށެވެ. އެގޮތުން އެންމެ ފަހުން ނިމުނު ވޯލްޑް ކަޕުގައިވެސް ފެނިގެން ދިޔައީ ރޮނާލްޑޯއަށް ފުރުސަތު ނުދީ މެޗުގެ ނިމެން އެންމެ 30 މިނެޓަށް ވުމުން ދަނޑަށް އެރުވިމަންޒަރު ކަމަށެވެ. މިއީ މިކަން ވާން ޖެހޭނޭ ގޮތް ނޫން ކަމަށާއި މިކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނޭ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން އިތުރަށް ވިދާޅުވީ ރޮނާލްޑޯ ވަނީ އިސްރާއީލުން ފަލަސްޠީނާއި ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންނާއެކު ވާކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައި ކަމަށެވެ. ރޮނާލްޑޯ އަކީ ފަލަސްޠީނުގެ އިތުރުން ސީރިއާގެ މުސްލިމް ކުޑަކުދިންނަށް ވެސް އެހީތެރިވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކުޅުންތެރިއެކެވެ.

ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައިވެސް ފުރަތަމަ އެގާރައިން ރޮނާލްޑޯއަށް ފުރުސަތު ދިން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވަންދެން އޭނާ ދަނޑުމަތީގައި ނުބަހައްޓާ ކަން ފާހަގަކޮށްލެވެއެވެ. އެންމެ ފަހުން ރޮނާލްޑޯއަށް މުބާރާތުގެ ދެވަނަ ބުރުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗާއި ކުއާޓާ ފައިނަލުގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ނުދިންއިރު، އެ  ދެމެޗުން އޭނާއަށް ފުރުސަތު ދިނީ ދެވަނަ ހާފުގައި މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވުމުންނެވެ.

ޕޯޗުގަލްގެ ކެޕްޓަން އަދި ޕޯޗުގަލްގެ ޓޮޕް ސްކޯރާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނުލާ ޕޯޗުގަލް އަށް މިފަހަރުގެ ވޯލްޑް ކަޕްގައި ކާމިޔާބީ އަކާއި ހަމައަށް ނުދެވުނުއިރު، ޕޯޗުގަލް ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސްވެސް ވަނި މަގާމުން ވަކިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް