އިންޑިއާގައި ކޯވިޑްގެ ހާލަތު ގޯސްވެދާނެތީ ހޮސްޕިޓަލްތައް ތައްޔާރީ ހާލަތަށް ގެންނަން ފަށައިފި އެވެ.
އެ ގައުމުގެ ޔޫނިއަން ހެލްތް މިނިސްޓްރީ ބުނީ އިންޑިއާގެ ހުރިހާ ސަރަހައްދެއްގެ ހޮސްޕިޓަލްތައް ތައްޔާރީ ހާލަތަށް ގެނައުމަށް އަންގާފައިވާނެ ކަމަށެވެ. ހާއްސަކޮށް ވެރިރަށް ދިއްލީގައި ތައްޔާރީތައް ވުން އަވަސް ކޮށްފައިވާ ކަމަށް ބުންޏެވެ.
ޔޫނިއަން ހެލްތް މިނިސްޓަރު މަންސޫހް މަންދަވިޔާ ވަނީ ދިއްލީގެ ހޮސްޕިޓަލްތައް ކޯވިޑަށް ފަރުވާ ދިނުމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް އެ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރައްވާފައި އެވެ. މި ޒިޔާރަތުގައި އެ ސިޓީގެ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ އެހެން ތަންތަނުގައި ކޯވިޑަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ޔަގީންކޮށްފައިވެ އެވެ.
އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރުވުމުގެ ގޮތުން ބައެއް ހޮސްޕިޓަލްތަކުގައި މިހާރު ދަނީ މޮކް ޑްރިލްތައްވެސް ޖައްސަމުންނެވެ. އިންޑިއާއަށް ބަލި ފެތުރޭނެ ކަމަށް ލަފާކޮށްފައިވަނީ އެގައުމަށް އެތެރެވާ މީހުންގެ ފަރާތުންނެވެ.
އިންޑިއާއިން ކޯވިޑާއި ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވަނީ ދުނިޔޭގެ އާބާދީ ބޮޑެތި ގައުމުތަކުގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާތީ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ކޯވިޑް އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ ޗައިނާގެ ހާލަތު ގޯސްވެ މިހާރު ދުވާލަކު މިލިއަނެއްހާ މީހުންނަށް ކޯވިޑް ޖެހެ އެވެ.
އެހެންވެ އިންޑިއާއިން ވަނީ އެ ގައުމަށް އެތެރެވާ މީހުން ވަކި ތަރުތީބެއް ނެތި ކޯވިޑަށް ޓެސްޓު ކުރަން ފަށާފައި އެވެ. އަދި ޗައިނާ، ހޮންކޮންގް، ދެކުނު ކޮރެއާ ފަދަ ގައުމުތަކުން އެ ގައުމަށް އެތެރެވާ މީހުން ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ސިއްހީ ދާއިރާ އާއި ހިދުމަތްތެރިން ތައްޔާރީ ހާލަތުގައި، ހާލަތަށް ސަމާލުވެގެން ތިބުމަށް އިލްތިމާސް ކުރައްވާފައި އެވެ.
އިންޑިއާގައި އަދި ކޯވިޑްގެ ކޭސްތައް ފެންނަނީ މަދުންނެވެ. އެގޮތުން މިހާރު ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 300 އިން ދަށުގައި އެވެ.
އެކަމަކު އެ އަދަދަށް ކުރިޔަށް އޮތް ދުވަސްތަކުގައި ބަދަލު އައިސް ކޯވިޑްގެ ރާޅެއް އަރާފާނެ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ތަޖުރިބާކާރުން ލަފާ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް