އެމްޓީސީސީ ރަށްވެހި ޗެލެންޖުގެ ދެވަނަ މެޗު އެން.ވައި.ޖީ އަށް

އެމްޓީސީސީ ރަށްވެހި ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ނިލަންދޫ ޔަންގް ޖެނެރޭޝަން (އެން.ވައި.ޖީ) އިން ކާމިޔާބުކޮށްފިއެވެ. ސްޕަރ ޖެނެރޭޝަން ކްލަބާއި ވާދަކޮށް މިމެޗު އެން.ވައި.ޖީ ކާމިޔާބު ކުރީ 4 ލ...

27 Dec 2021 | 16:22

އެމްޓީސީސީ ރަށްވެހި ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ނިލަންދޫ ޔަންގް ޖެނެރޭޝަން (އެން.ވައި.ޖީ) އިން ކާމިޔާބުކޮށްފިއެވެ.

ސްޕަރ ޖެނެރޭޝަން ކްލަބާއި ވާދަކޮށް މިމެޗު އެން.ވައި.ޖީ ކާމިޔާބު ކުރީ 4 ލަނޑު 2 ލަނޑުންނެވެ.

ފ. ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިއަދުގެ މެޗު ޝަރަފްވެރިކޮށްދެއްވީ ނިލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ނަސީބާ ޢަލީއެވެ.

ދެޓީމުގެ ފަރާތުން ވެސް ޙަމަލާއަށް އިސްކަން ދީގެން ފުރަތަމަ ހާފު ފަށައި، ދެޓީމުގެ ފަރާތުން ވެސް ގޯލަށް އަމާޒުކޮށް ޙަމަލާތަކެއް ފޮނުވަން މަސައްކަތް ކުރިނަމަވެސް ފުރަތަ ހާފުގެ ބޮޑުބައެއް ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.

އެކަމަކު 39 ވަނަ މިނެޓުގައި އެން.ވައި.ޖީން ލަނޑުޖަހާ ލީޑު ނެގީ ނިއުރޭޑިއަންޓާއި މާޒިޔާ ފަދަ ޓީމުތަކަށް ކުޅެފައިވާ ހުނަރުވެރި ކުޅުންތެރިޔާ ފާރޫޤު އިސްމާޢީލް ޖަހައިދިން ގޯލުންނެވެ. އޭނާ މިމެޗަށް އައީ މަހިބަދޫގައި އިއްޔެނިމުނު މުބާރާތް ކާމިޔާބުކޮށް މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުގެ މަޤާމު ހޯދުމަށްފަހުއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު މިނަތީޖާގައި ނިމުނު ނަމަވެސް ފަހުހާފުގައިވަނީ ގިނަ ގޯލްތަކެއް ފެނިފައެވެ. އެގޮތުން 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެން.ވައި.ޖީގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ ފަސްޓް ޑިވިޜަން ޓީމުތަކަށް ގިނަދުވަސްތަކެއް ވަންދެން ކުޅުނު ފާރޫޤުގެ ބޭބެ ފަރުހާދު އިސްމާޢިލްއެވެ. އަދި 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ވެސް ކާމިޔާބުކޮށްދިނީ ފަރޭއެވެ. އެން.ވައި.ޖީ ތިން ލަނޑުގެ ލީޑެއް ނެގި ފަހުން އެސް.ޖީ.ސީން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ގޯލެއްޖަހަން ކުރި މަސައްކަތް ކާމިޔާބުވީ 78 ވަނަ މިނެޓުގައި އެސް.ޖީސީއަށްލިބުނު ކޯނަރެއް ގޯލް ކުރިމައްޗަށް ހުރަސްވިތަނުން އެޓީމުގެ ސައްދާމު ޙުސައިން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

މިލަނޑާއެކުވެސް އެސް.ޖީ.ސީން ފުލުފުލުގައި ޙަމަލާތައް އުފައްދަމުން ދިޔައިރު 83 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ އަޒުހާން ޚަލީލު ގޯލްތެރެއަށް ފޮނުވާލައިގެން ނަތީޖާގެ ފަރަޤުވަނީ ކުޑަކޮށްފައެވެ. އެވަޤުތު ކޮޅުގައި އެން.ވައި.ޖީން ވެސްވަނީ އިތުރު ގޯލެއް ޖެހުމަށް މަސައްކަތްކޮށްފައެވެ.

އެގޮތުން ކުރިން މާޒިޔާގައި ވަރަށްބޮޑަށް ވިދާލި އަޙުމަދު ރަޝީދު (އައްމަޑޭ) އަށް ހުސްފުރުޞަތުތަކެއް ލިބި ބޭކާރުވި ނަމަވެސް 87 ވަނަ މިނެޓުގައި މުޅިމެޗުގައި ވެސް ހުނަރުވެރި ކުޅުމެއް ދެއްކި ޒުވާން ކުޅުންތެރިޔާ އިބްރާހިމް މުނީޒު ވަނީ ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާތެރެއަށްވަދެ ހަނި އޭންގަލަކުން ގޯލަށް ފޮނުވާލައިގެން އެން.ވައި.ޖީއަށް ތިން ޕޮއިންޓް ޔަޤީން ކޮށްދީފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އިބްރާހިމް މުނީޒު (ޓޮޓީ)އެވެ.

މުބާރާތުގެ މެޗެއް ދެން އޮންނާނީ މިމަހު 29 ވާ ބުދަ ދުވަހު ހަވީރު އެވެ. އެމެޗުގައި ބައްދަލު ކުރާނީ ސްޕޯރޓްސް ކްލަބް ފަހުލަވާނާއި އެސް.ޖީ.ސީއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް