އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ "އިންޑިއާ އައުޓް" ކެމްޕެއިން ޕްރޮމޯޓު ކުރަން ސޯޝަލް މީޑިއާގައި އެހެން އުކުޅެއް ޖައްސަން ފަށައިފި އެވެ.
މި ކެމްޕެއިނަކީ ރާއްޖޭގައި ގާއިމްވެ ތިބި 75 އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލާ ކުރާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން މުޒާހަރާތަކާއި އެއްވުންތައް އިތުރުވެ ފޯރި އިތުރުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވި ފަހުންނެވެ.
މި ކެމްޕެއިން ފޯރި ގަދަ ކުރި ނަމަވެސް އިދިކޮޅުން ގޮވަމުންދާ "އިންޑިއާ އައުޓް" އަށް ތާއީދު ނުކުރާ ކަމަށް ޕީޕީއެމް އާއި ޕީއެންސީ ފިޔަވާ ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީއަކުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީޕީ އަދި އެމްއެންޕީ އާއި އެމްއާރުއެމް ހިމެނެ އެވެ.
އެހެން ސިޔާސީ ވެރިއެއްގެ އަދި ސިޔާސީ ޕާޓީއެއްގެ ތާއީދު ނުލިބުމުން މި ކެމްޕެއިން ސޯޝަލް މީޑިއާގައި ފުޅާ ކުރުމަށް ހަރަކާތްތެރިވާ އިދިކޮޅު ކޯލިޝަންގެ ޓީމުތަކުން ވަނީ އެހެން އުކުޅެން ބޭނުން ކުރަން ފަށާފަ އެވެ. އެމީހުން ގަބޫލުު ކުރާ ގޮތުގައި މިވަގުތު ރާއްޖޭގައި އެންމެ އަގުބޮޑު ޓީޝާޓަކީ "އިންޑިއާ އައުޓް" ޖަހާފައި ހުންނަ ޓީޝާޓެވެ.
އެހެންވެ އެމީހުން ދަނީ މީގެ ކުރިން ސިޔާސީ ލީޑަރުން އެކި ހަރަކާތްތަކުގައި ނަގާފައިވާ ފޮޓޯތައް އެޑިޓްކޮށް އެ ފޮޓޯތަކުގައި ލައިގެން ހުންނަ ހެދުން ނުވަތަ ޓީޝާޓުގައި "އިންޑިއާ އައުޓް" ޖަހަމުންނެވެ. އެގޮތަށް އާންމުކޮށްފައިވާ ސިޔާސީ ފަރާތްތަކުގެ ފޮޓޯތަކުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހިމެނެ އެވެ.
https://twitter.com/Rumaalu_05/status/1475289181324668930
އެ ބޭފުޅުންގެ ފޮޓޯ ހިއްސާކޮށް އެ ކެމްޕެއިނަށް ތާއީދު ކުރާކަން ދޭހަވާގޮތަށް ބުނެފައިވަނީ "އިންޑިއާ އައުޓް" ކަމަށެވެ.
އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓަކީ މިވަގުތު އެންމެ އަގު ބޮޑު، އެންމެ ހިނގާ ޓީޝާޓު ކަމަށް އިދިކޮޅުން ބުނަމުން ދަނީ ފުލުހުން އެ ޓީޝާޓު ލައިގެން މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފައިވާތީ އެވެ. އަދި ފުލުހުން ވަނީ އެފަދަ މުޒާހަރާތަކުން ނުކިޔަމަންތެރިކަން ދެއްކި ފަރާތްތައް ހައްޔަރުކޮށްފަ އެވެ.
މިފަދަ ޕޯސްޓުތަކަށް ފާޑުކިޔާ މީހުން ބުނަމުން ދަނީ އެޑިޓްކޮށްގެން އިންޑިއާ އައުޓް ޖަހަމުން ދަނީ ކެމްޕެއިންތަކާއި ސިޔާސީ ހަރަކާތްތައް ރާއްޖޭގައި ހިނގާނީ ރައީސް ސޯލިހާއި އިމްރާންމެން ފަދަ ސިޔާސީ ލީޑަރުން ބައިވެރިކޮށްގެން ކަމަށް އިދިކޮޅުންވެސް ގަބޫލު ކުރާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް