އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. މައުސޫމް މިހެން ވިދާޅުވީ ރާއްޖެ އަށް ޒިޔާރަތް ކުރި މި އަހަރުގެ 1.3 މިލިއަން ވަނަ ޓޫރިސްޓު އައުން ފާހަގަކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ އަންނަ އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމުގައެވެ.
އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ރާއްޖެއަށް ގެންނަން ކަނޑައަޅާފައިވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ. އެހެން ކަމުން މިއީ ބަޖެޓަށް ވުރެ ހަތަރު ލައްކަ އިތުރު އަދަދެކެވެ. ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވެއެވެ.
މީގެ އިތުރުން ޑރ. މައުސޫމް ވިދާޅުވީ ފާއިތުވެ ދިޔަ ދޮޅު އަހަރު ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ހީނަރުކަމެއް އައިސްފައި ވާއިރު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހިންދަމާލެވުނީ އަދި ކިރިޔާ ކަމަށެވެ. އަދި މިހާ ހިސާބަށް ޓޫރިޒަމް ދާއިރާ މި ގެނެވުނީ ދާއިރާގެ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތުން ކަމުގައި ޑރ. މައުސޫމް ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ހީނަރުވެގެން ދިއުމަށްފަހު މިހާރު ވަނީ އަލުން އާރާސްތުވާން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް