ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.3 މިލިއަން ފަތުރުވެރިޔާ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

2021 ވަނަ އަހަރު ދިމާވި ގޮންޖެހުންތަކާއެކުވެސް ދިވެހިރާއްޖެއިން 1.3 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިއެވެ. 1.3 މިލިއަން ވަނަ ފަތުރުވެރިއެއްގެ ގޮތުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ރޮމޭނިއާގެ ރަ...

27 Dec 2021 | 14:41

2021 ވަނަ އަހަރު ދިމާވި ގޮންޖެހުންތަކާއެކުވެސް ދިވެހިރާއްޖެއިން 1.3 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިއެވެ.

1.3 މިލިއަން ވަނަ ފަތުރުވެރިއެއްގެ ގޮތުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ރޮމޭނިއާގެ ރައްޔިތެއްކަމަށްވާ ކޮންސްޓަންޓިން ސްޓެލިއަން އެމިލްއެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު މެންދުުރުފަހު ގުލިވްއެއަރގެ ފްލައިޓެއްގައެވެ.

ފަތުރުވެރިޔާއަށް މަރުހަބާ ކިއުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއް 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އިމިގްރޭޝަން އަދި އެމްއޭސީއެލްގެ އޮފިޝަލުންނެވެ.

މިއީ ކޮންސްޓަންޓިންގ ސްޓެލިއަން އެމިލް ރާއްޖެ ޒިޔާރަތްކުރި 2 ވަނަ ފަހަރެވެ. މި ދަތުރުގައި އޭނާއާއެކު އޭނާގެ އަނބިމީހާ އަދި ދެ ދަރިން ވެސް ވަނީ ރާއްޖެ އައިސްފައެވެ.

ތޮއްޔިބް މުހައްމަދު ވިދާޅުވީ 2021 ވަނަ އަހަރު ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް އާ އާންމު ހާލަތުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދަމުންދާ ކާމިޔާބީތަކަކީ އިންޑަސްޓްރީގެ އެންމެހާ ބޭފުޅުންގެ ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ.

"2021 ވަނަ އަހަރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިޔަސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ވަނީ ގިނަ ކާމިޔާބީތަކާއި، އެވޯޑުތައްވެސް ހާސިލްކޮށްފައި. މީގެތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކާމިޔާބީއަކީ މިފަހުން ލިބިގެންދިޔަ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޝަރަފްވެރި "ލީޑިން ޑެސްޓިނޭޝަން 2021" ޓައިޓަލް. ދުނިޔޭގެ ފަތުރުވެރިކަމުގެ ދައިރާ މިއަހަރު ތެރޭގައި އޮތީ ވަރަށްވެސް ނާޒުކުކޮށް، އެހެންވެ ގޮންޖެހުންތަކާއެކުވެސް 1.3 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިއުމަކީ ކުޑަ ކަމެއް ނޫން. މިއީ އިންޑަސްޓްރީގެ އެންމެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. ފްރަންޓްލައިންގައި މަސައްކަތް ކުރި ފަރާތްތަކާއި، ސަރުކަރާއި، މިނިސްޓްރީތަކާއި، އެމްއެމްޕީއާރުސީ، އެހެނިހެން ސްޓޭކްހޯލްޑަރުންނާއި، އެންޖީއޯތަކާއި އަދި އެސޯސިއޭޝަންތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. މި ކުރިއަށް އޮތް އަހަރަށްވެސް ފަތުރުވެރިކަމުގެ ދައިރާއާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައި، އަދި އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ބޮޑެތި ކާމިޔާބީތަކެއް ލިބުން." ތޮއްޔިބު ވިދާޅުވިއެވެ.

ރާއްޖެ ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ބެލެނިވެރި ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން މި އަހަރުގެ މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 24 މާކެޓެއްގައި 400 އަށް ވުރެ ގިނަ ހަރަކާތް ވަނީ ހިންގިފައެވެ. މީގެތެރޭގައި ފެއަރ، އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކިގައި ރޯޑްޝޯތައް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ކުރިއަށް އޮތްތާގައި ވެސް އެމްއެމްޕީއާރުސީ އަދި މި އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންގެ މަޤްސަދަކަށް ވާނީ ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މާކެޓް ކުރުމުގައި ދެމިތިބުމެވެ. ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާކުރުމަކީ އަޅުގަނޑުމެން އެންމެންގެ އަމާޒެވެ. އެމްއެމްޕީއާރުސީއާއި އިންޑަސްޓްރީގެ އެންމެހާ ފަރާތްތަކުގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމެވެ.

ކުރިޔަށް މި އޮތް އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގައި ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިއަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް މިއަންނަ އަހަރަށް ތާވަލްކޮއްފައިވެއެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓައިގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 17 ފެއަރ އާއި، ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮއްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް