ޢުމަރު ޒާހިރަކީ މުވައްޒަފުންނާމެދު އޯގާތެރިކަމާއި ލޯތްބާއެކު މުޢާމަލާތްކުރެއްވި ގާތް އެކުވެރިއެއް: ރައީސް ސޯލިހު

މުވައްޒަފުންނާމެދު އޯގާތެރިކަމާއި ލޯތްބާއެކު މުޢާމަލާތްކުރެއްވި ގާތް އެކުވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނި މިފަދައިން ވިދާޅުވީ ނިޝާން ޢިއ...

27 Dec 2021 | 14:17

މުވައްޒަފުންނާމެދު އޯގާތެރިކަމާއި ލޯތްބާއެކު މުޢާމަލާތްކުރެއްވި ގާތް އެކުވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނި މިފަދައިން ވިދާޅުވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ހަނދާނުގައި ނެޝަނަލް އަރޓް ގެލެރީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ސޮއި ކުރައްވާ ލިޔުއްވި ބަޔާނުގައެވެ.

"އެމަނިކުފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއެކު، ދިވެހިންނަށް ގެއްލިގެން އެދިޔައީ މިއަދުގެ ޖީލަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެއް. މުވައްޒަފުންނާމެދު އޯގާތެރިކަމާއި ލޯތްބާ އެކު މުޢާމަލާތްކުރެއްވި ގާތް އެކުވެރިއެއް." ރައީސް ލިޔުއްވި ބަޔާނުގައިވެއެވެ.

މީގެ އިތުރުން މާ ގިނަ ވަޞީލަތްތަކާއި ލުއި ފަސޭހަތައް ނެތް ދުވަސްވަރެއްގައި ސަރުކާރުން ހިންގި ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކީ ފުރިހަމަ ކުރެއްވުމުގައި މުހިންމު ދައުރެއް އަލް މަރްޙޫމް ޢުމަރު ޒާހިރު އަދާކުރައްވާފައިވާކަން ވެސް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ޙިއްޞާ ބޮޑުކަމުގައި ވެސް ހާމަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް ޢުމަރު ޒާހިރަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

49 އަހަރަށްވުރެ ގިނަ ދުވަހު، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ޢުމަރު ޒާހިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް