ހުޅުމާލޭ ދެވަނަ ފިޔަވަހިން60 ބިން ވިއްކަން ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ބީލަމުގެ އުސޫލުން ވިއްކަން ނިންމާފައިވަނީ ދެވަނަ ފިޔަވަހީގެ ބިމުން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. މި ބިންތަކަކީ އަތިރިމައްޗާއި ކައިރިން އަދި އަތިރިމަތީ ކުރިމަތިން ދޫކުރާ ބިންތަކެކެވެ.
އެޗްޑީސީން ބުނީ ބީލަމަށް އެދޭ ފޯމު ވިއްކާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންން ޖެނުއަރީ 31 ގެ ނިޔަލަށް [email protected] އަށް މެއިލް ކުރާ މީހުންނަށް ކަމަށެވެ. އަދި ފެބްރުއަރީ ތިން ވަނަ ދުވަހުގެ ހަވީރު 3:30 ގެ ކުރިން އެ މެއިލް މެދުވެރިކޮށް އެކަމުގެ މައުލޫމާތު ސާފުކުރެވޭނެ އެވެ.
ދެވަނަ ފިޔަވަހިން ބިން ގަންނަ މީހުންގެ ބީލަން ފޯމު ހުށަހެޅުން އޮތީ ފެބްރުއަރީ، 9 އަދި 16 ގައި "ބީޗް ފްރަންޓް" ގައި 9:00 އިން 12:00 އާ ހަމައަށެވެ. އެ ވަގުތު ބީލަށް ހުށަހެޅުމަށް ނަމްބަރު ދޫކުރާއިރު ބީލަން ފޯމު ހުށަހަޅަން ޖެހޭ ތަނުގެ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ ބީލަން ފޯމު ހުށަހަޅަން ހާޒިރުވާ މީހުންގެ ކުރިމަތީގައި ބީލަން ހުޅުވުމަށް ފަހު، އަކަފޫޓަކަށް ބީލަން ފޯމުގައި ހުށަހަޅާފައިވާ އަގު އިއުލާންކުރެވޭނެ ކަމަށެވެ.
ބިން ގަންނަން އެދޭ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި600 އަކަފޫޓުގެ ބިމެއް ނެތުމާއި އެއް ފަރާތަކަށްވުރެ ގިނަ ފަރާތަކަށް ރެޖިސްޓްރީ ކޮށްފައި ބިމެއް އޮތް ނަމަ އެމީހަކަށް ކަނޑައެޅިފައިވާ ބިމުގެ ބޮޑުމިނުގައި600 އަކަފޫޓު ނެތުން ހިމެނެ އެވެ.
ހުޅުމާލޭގެ އެއްވެސް ފޭސްއަކުން އެއަށްވުރެ ކުޑަބިމެއް ގަނެފައިވާ ފަރާތަކަށްވެސް މި ބިންތައް ގަތުމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެޗްޑީސީން ބުނީ މީހަކަށް ކުރިމަތި ލެވޭނީ އެންމެ ބިމަކަށް ކަމަށެވެ.
ބިން ވިއްކުމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ސޭލްސް ޑިޕާޓްމަންޓަށް ގުޅައިގެން ވެސް ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް